ޚަބަރު

ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިރޭ 10:30ގެ ނިޔަލަށް އިތުރުކޮށްފި


ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިމަހުގެ ދިހަވަނަދުވަހު އާއްމުކުރި ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ އެންމެފަހުގެ ތާރީހަކީ މިއަދު މެންދުރުގެ ނިޔަލަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު މެންދުރު 1:30 ގައި ރަސްމީ ގަޑި ނިމުމާއި ހަމައަށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިން ނަމަވެސް މިރޭ 10:30 އަށް ވަގުތު އިތުރުކުރީ، ބައެއް ސިޔާސީ ޕާޓީތަކުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިތުރުކުރަން އެދެމުން ދިއުމާއެކު ޤާނޫނީ އިމުގެ ތެރެއިން އެފުރުސަތު ދެވެން އޮތް މިންވަރަށް ދިނުމަށްކަމަށެވެ.

ޤާނޫނުގައިވާ ގޮތުން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދެވޭނީ 10 ދުވަހުގެ މުއްދަތެކެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް ވޯޓާސް ލިސްޓަށް މައިގަނޑު ގޮތެއްގައި ހުށައަޅާފައިވަނީ، މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮތުމުގެ މައްސަލަތަކާއި، 18 އަހަރު ނުފުރޭ ކުޑަކުދިންގެ ނަން ވޯޓާސް ލިސްޓުގައި ހިމެނިފައި ހުރުމުގެމައްސަލަތައް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކރި ވޯޓާސް ލިސްޓްު ދައްކާ ގޮތުން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާމީހުންގެ އަދަދަކީ ދެލައްކަ ފަސްދޮޅަސް ތިންހާސް އެއްސަތޭކަ އަށްޑިހަ އެއް މީހުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު 23 ވާ އާދިއްތަ ދުވަހުއެވެ.