ކުޅިވަރު

ފީފާ ވަރލްޑްކަޕް: ޕޯޗްގަލް - މޮރޮކޯ


ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިފަހައްޓަން ކިތައްމަ މޮޅު ރޭވުމެއް ރޭވިކަމުގައިވިނަމަވެސް ރޮނާލްޑޯ އަބަދުވެސް ކޮންމެވެސް ގޮތެއް ހަދައިގެން ތަފާތުދައްކާނެ ކަމަށް މޮރޯކޯގެ ކޯޗު ހެރްވޭ ރެނާޑް ބުނެފިއެވެ.

ފީފާ ވަރލްޑް ކަޕްގެ ގްރޫޕް ބީގައި މިއަދު ހަވީރު ޕޯޗުގަލް އާއި ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރޯކޯގެ ކޯޗު ރެނާޑް ބުނީ ރޮނާލްޑޯ އާއި ބެހޭގޮތުން މީގެކުރިން މީހުން ދައްކާފައިވާ ވާހަކަތަކުގެ އިތުރުން އާއެއްޗެކޭ ބުނެވޭކަށް ނެތްކަމަށާއި، ރޮނާލްޑޯގެ ފެންވަރަކީ އެންމެންނަށްވެސް އެނގޭ އެއްޗެއް ކަމަށެވެ.
ރެނާޑް ބުނީ މެޗަށް އަރާއިރު ބަލި ޤަބޫލްކޮށްގެން އަރައިގެން ނުވާނެ ކަމަށާއި، ކުރިން މެޗުގައި ކޮންމެ ނަތީޖާއެއް ނިކުތްކަމުގައި ވީނަމަވެސް މޮރޯކޯ ޓީމު މައްސަކަތް ކުރާނީ މިމެޗުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ. އަދި މޮރޯކޯ ފަދަ ޓީމަކަށް ޔޫރަޕްގެ ޗެމްޕިއަނުންނާއި އެކު މިފަދަ ބޮޑު ސްޓޭޖެއްގައި ކުޅެލަން ލިބުމަކީވެސް ލިބޭ އުފަލެއް ކަމަށެވެ. މިއަދު މެޗުން މޮރޮކޯ ބަލިވެއްޖެ ނަމަ އެޓީމް މުބާރާތުން ކަޓާނެއެވެ.

މޮރޯކޯ އާއި ބައްދަލުކުރާ މެޗާ ގުޅޭގޮތުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންތޯސް ބުނީ ޕޯޗުގަލް ޓީމަށް މީގެކުރިން ހޯދިފައިވާ ކާމިޔާބީތަކުގެ ސިއްރަކީ ކުޅޭ ކޮންމެ ޓީމަކަށްވެސް އިޙްތިރާމްކޮށް ހިތްތިރިކޮށްގެން މެޗަށް ނިކުތުން ކަމަށެވެ. ޕޯޗުގަލް ޓީމަކީ ވަރަށް މަސައްކަތް ކުރާ ޓީމެއް ކަމަށާއި، މެޗު ކޮންމެ ގޮތަކަށް ދިޔަސް ހިތްވަރު ދޫކޮށްނުލާ މަސައްކަތް ކުރާނެކަން ފާހަގަކުރަމުން ސަންތޯސް ބުނީ ޓީމުގައި ތިބީ މޮޅު ކުޅުންތެރިންކަމަށާއި މޮޅަށް ކުޅެ މެޗުތައް ކާމިޔާބުކުރެވޭ ވަރުގެ ކުޅުންތެރިންކަމަށެވެ.

ޕޯޗްގަލްއާ މޮރޮކޯ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 5 ޖަހާއިރުއެވެ. ޕީއެސްއެމް ކަވަރޭޖްގެ ޕްރީ ޝޯވ 4 ޖަހާއިރު ފަށާނެއެވެ.