ޚަބަރު

ހުކުމަށް ފިލައިގެން އުޅޭތީ ނަޝީދާއި ޤާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި


ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމަށް އިއްވާފައިވާ ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާތީ އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް އެ ދެ ބޭފުޅުންނަށް ފުލުހުން ޗިޓް ފޮނުވައިފިއެވެ.

13 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ މުޙައްމަދު ނަޝީދާ އާއި 3 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ޤާސިމް އިބްރާޙިމް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފުލުހުން ޗިޓް ފޮނުވާފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ. ނަޝީދާއި ގާސިމް ޓެގްކޮށް ފުލުހުން ވަކިވަކިން ފޮނުވި މި ދެ ޗިޓްގައި ބުނެފައިވަނީ ނަޝީދާއި ގާސިމް ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވުމުން އެކަމަށް ދިން މުއްދަތު ހަމަވުމުންވެސް އެނބުރި ރާއްޖެ ނައިސް ފިލައިގެން އުޅޭކަމަށެވެ. އަދި ނަޝީދުއާޢި ޤާސިމް ފުލުހުންގެ މަރުކަޒަށް ހާޒިރުކުރަނީ އެ މައްސަލަ ތަހުގީގުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުންގެ ޗިޓްގައިވެއެވެ.

ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެން އެ ޤައުމުގެ ހިމާޔަތް މިހާރު ހޯއްދަވާފައިވާ ކުރީގެ ރައީސް ނަޝީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 10:00އަށެވެ. އަދި ޖަރުމަނުވިލާތުގެ ހިމާޔަތް ހޯދާފައިވާ ޤާސިމް އިބްރާހިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ހަމަ އެދުވަހުގެ 2:00އަށެވެ.

2014 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި 13 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ނަޝީދަށް އިއްވާފައި ވަނީ ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ ޢަބްދުﷲ މުހައްމަދު ޤާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައެވެ. ޤާސިމް އިބްރާހިމަށް ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުންތަކަށް ރިޝްވަތު ދިން މައްސަލަ ސާބިތުވުމުންނެވެ.