ޚަބަރު

މަޓާޓޯ "މޯލްޑިވްސް ޓްރެވަލް އެވޯޑްސް"ގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ


މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މީޑިއާ ޕާރޓްނަރަކަށް ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައިފިއެވެ. މިކަމާބެހޭ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ ޕަބްލިކް ސާރވިސް މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. އަދި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ މަޓާޓޯގެ ނާއިބު ރައީސް ޢަބްދުﷲ ސުޢޫދެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑްގެ މީޑިއާ ޕާރޓްނަރަކަށް ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައި އެކަމާ ގުޅޭ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ. އަދި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ނާއިބުރައީސް ޢަބްދުﷲ ސުޢޫދެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ މަޓާޓޯއާއި ޕީއެސްއެމާ ގުޅިގެން މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެފައިވާކަމަށެވެ.

"މޯލްޑިވްސް ޓީވީއައީ އަޅުގަނޑުމެން އެންމެން ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އަޅުގަނޑުމެން އުފައްދާފައިވާ ޗެނަލެއް. އެހެންކަމުން މިޗެނަލް ކުރިއަށްގެންދިއުން، މި ޗެނަލް ޕްރޮމޯޓް ކުރުން، އަދި މި ޗެނަލަށް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ އެހެން ފަރާތްތަކުންވެސް އިތުރު ފުރުޞަތުތައް ދެއްވުން މީއީ އަޅުގަނޑުމެން ވަރަށްބޮޑަށް އެދޭކަމެއް." ޚަލީލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް މުނާޒް ވިދާޅުވީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދޭން ފެށި ފުރަތަމަ ފަހަރުން ފެށިގެންވެސް ޕީއެސްއެމްގެ ޓީމްގެ އެއްބާރުލުން ލިބެމުންދާކަމަށެވެ. އަދި މިއަހަރުވެސް ވަރަށް ކާމިޔާބު އިވެންޓެއް ދެފަރާތް ގުޅިގެން ކުރިއަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ޕާރޓްނަރޝިޕްގެ ފުރަތަމަ އަހަރެއްނޫން. ޓްރެވަލް އެވޯޑްސް އެންމެ ފުރަތަމަ އަހަރުން ފެށިގެންވެސް މިޓީމްގެ އެހީތެރިކަން އަޅުގަނޑުމެންނަށް ދަނީ ލިބެމުން. މިދިޔަ އަހަރު ޕީ.އެސް.އެމްގެ މޯލްޑިވްސް ޓީވީގެ ޓީމްއާ ނުލައި އެހާ ކާމިޔާބު އިވެންޓެއް އަޅުގަނޑުމެންނަށް ނުވެސް ބޭއްވުނީސް." މުނާޒު ވިދާޅުވިއެވެ.

ޕީއެސްއެމްގެ މޯލްޑިވްސް ޓީވީއާއި، މަޓާޓޯއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ޕީއެސްއެމްގެ ޗެނަލްތަކުން ޕްރޮމޯޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ފެސްޓިވަލްގެ އިސްތިހާރުތައް ޕީއެސްއެމްގެ ޗެނަލްތަކުން ދައްކާނެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސްއިން ކުރިއަށްގެންދާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ. މިއީ ރާއްޖޭގައި މިދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މަޓާޓޯއިން މި އެވޯޑު ދެމުންއަންނަތާ މިއީ 7 ވަނަ އަހަރެވެ.