ކުޅިވަރު

ފީފާ ވަރލްޑްކަޕް: ރަޝިޔާ - މިޞްރު


ސަލާހަކީ ކިތަންމެ މޮޅު ކުޅުންތެރިއަކަށްވިޔަސް ރަޝިޔާ ޖެހިލުން ނުވާނެކަމަށް އެޤައުމުގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޯވް ބުނެފިއެވެ.

ވަރލްޑްކަޕް ގްރޫޕް ސްޓޭޖުގައި ރަޝިޔާގެ ދެވަނަ މެޗުގައި އެޓީމް ނިކުންނާނީ މިސްރާ ދެކޮޅަށެވެ. މި މެޗު ކާމިޔާބުކޮށްގެން ރަޝިޔާއަށް ދެވަނަ ބުރުގެ ފުރުސަތު ލިބޭނެއެވެ. ކޯޗު ޗެރްޗެޝޯވް ބުނީ މިސްރުން އުރުގުއޭއާއި ދެކޮޅަށް ދެއްކި ކުޅުން ފެނުނުކަމަށާއި، އެޓީމުގެ ޑިފެންސްލައިން ވަރަށް ވަރުގަދަކަމަށެވެ. އެހެންނަމަވެސް އޭނާގެ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރުކުރާކަމަށާއި، މިސްރުގެ ކޮންމެ ޕްލޭނަކަށް ރަޝިޔާ ތައްޔާރުވާނެކަމަށް ކޯޗު ބުންޏެވެ. އަނިޔާއިން އެނބުރި އައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާ މިމެޗުގައި ފެނުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ރަޝިޔާގެ ކޯޗު ބުނީ ސަލާއަކީ މޮޅު ކުޅުންތެރިއެއްކަން އިނގޭކަމަށާއި، އެކަމަކު އެއީ އޭނާގެ ޓީމުން ހާސްވެ ކަންބޮޑުވާވަރުގެ ކަމެއް ނޫންކަމަށެވެ.

ރަޝިޔާއާއި ދެކޮޅަށް ނިކުންނަ މިސްރުގެ ކޯޗު ހެކްޓަރ ކޫޕާ ބުނީ ފުރަތަމަ މެޗުގައި ބަލިވީ ވަރަށް ހިތްދަތިކޮށްކަމަށާއި، ރަޝިޔާ މެޗަކީ މުބާރާތުގައި އެޓީމްގެ ފުރަތަމަ ފައިނަލްކަމަށެވެ. ރަޝިޔާއިން ސައުދީ އަތުން ހޯދި ބޮޑު މޮޅަކީ އޭނާ ބިރުގަންނަ ނަތީޖާއެއް ނޫންކަމަށާއި، މިސްރުގެ ހަޤީގީ ކުޅުން މި މެޗުގައި ފެންނާނެކަމަށް ކޫޕާ ބުންޏެވެ. މި މެޗުން ބަލިވެއްޖެނަމަ ދެވަނަ ބުރުގެ ފުރުސަތު ގެއްލޭނެކަމަށާއި، މިވަގުތަށް އޮތް ހަމައެކަނި ޕްރެޝަރަކީ އެއީކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ އެގާރަ ޖަހާއިރުއެވެ.