ކުޅިވަރު

ފީފާ ވަރލްޑްކަޕް: ކޮލަމްބިޔާ - ޖަޕާން


މިވަގުތަށް ކޮލަމްބިޔާގެ ޓާގެޓަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވަނަ ބުރުން ޖާގަ ހޯދުންކަމަށާއި، އިތުރު އަމާޒުތަކެއް ކަނޑައަޅާނީ ފަހުން ކަމަށް ކޮލަމްބިޔާ ކޯޗު ހޯސޭ ޕެކަމަން ބުނފިއެވެ.

މިއަހަރުގެ ފީފާ ވަރލްޑްކަޕްގައި ކޮލަމްބިޔާ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު އެޓީމް ނިކުންނާނީ ޖަޕާނާއި ދެކޮޅަށެވެ. ކޮލަމްބިޔާގެ ކޯޗު ޕެކަމަން ބުނީ މިއީ ވަރަށް ވާދަވެރި ގްރޫޕެއްކަމަށައި، މި ގްރޫޕުގައި ހަތަރު ބައްރުގެ ހަތަރު ޓީމް ހިމެނުމަކީ މި ގްރޫޕް ޚާއްސަވާ އިތުރު ސަބަބެއްކަމަށެވެ. އޭނާ ބުނީ ފުރަތަމަ މެޗަކީ އަބަދުވެސް އުނދަގޫ މެޗެއްކަމަށާއި، މިފަހަރުގެ ވަރލްޑްކަޕްގައި ހައިރާންވާވަރުގެ ނަތީޖާތަކެއް މިހާތަނަށް ނިމުނު މެޗުތަކުންވެސް ފެނިއްޖެކަމަށެވެ. މި މެޗަށް ކޮލަމްބިޔާ ނިކުންނަނީ ފެވަރިޓުންގެ ގޮތުގައި ވިޔަސް ޖަޕާން ޓީމް ފަސޭހަ ކޮށްނުލާނެކަމަށް އޭނާ ބުންޏެވެ.

ޖަޕާންގެ ކޯޗު އަކީރާ ނިޝީނޯ ބުނީ އޭނާއަށް ޓީމް ތައްޔާރުކޮށްލަން ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ހިތްހަމަޖެހޭ ފެންވަރަށް ޓީމް ފިޓުކުރެވިފައިވާކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެއް ޓީމެއް ގޮވައިން ނިކުންނަ ޕެކަމަންއާއި އޭނާ އަޅާ ނުކިޔޭނެކަމަށާއި، މި މެޗަށް ޖަޕާން ނިކުންނަނީ ކޮލަމްބިޔާގެ ފެންވަރު އެނގިތިބެކަމަށް އޭނާ ބުންޏެވެ. ނިޝީނޯ ބުނީ މި ދައްކަނީ ވޯލްޑްކަޕްގެ ވާހަކަމަށާއި، ކޮންމެ ޓީމެއްވެސް މުޅި ދުނިޔޭގެ ހުރިހާ އެންމެން އެނެލައިޒްކުރާނެކަމަށެވެ. އެހެންކަމުން ޖަޕާނުން ތައްޔާރުވެފައި އޮތީ ރީތި ފުޓްބޯޅައެއްކުޅެ، އެޤައުމުގެ ސަޕޯޓަރުން އުފާކޮށްދޭންކަމަށްވެސް ކޯޗު ނިޝީނޯ ބުންޏެވެ.

ޖަޕާނާ ކޮލަމްބިޔާ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 5 ޖަހާއިރުއެވެ. ޕީއެސްއެމްގެ ކަވަރޭޖް 4 ޖަހާއިރު ފަށާނެއެވެ.