ޚަބަރު

އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 38 ވަނަ ސެޝަނުގައި ރާއްޖެއިން ބައިވެރިވެއްޖެ


ސްވިޓްޒަަރލޭންޑުގެ ޖެނީވާގައި މިހާރު ކުރިޔަށްދާ އދ ގެ ހިއުމަން ރައިޓްސް ކައުންސިލުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި މަހުގެ 18 އިން ޖުލައިގެ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އދ ގެ ހިއުމަން ރައިޓްސް ކައުންސިލުގެ 38 ވަނަ ސެޝަނުގައި ރާއްޖޭގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ރާއްޖެއިން އދގެ ޖެނީވާގައި ހުންނަ އޮފީހުގެ ޕަރމަނަންޓް ރެޕްރެސެންޓޭޓިވް ޑރ. ޙާލާ ޙަމީދެވެ. ޑރ. ހާލާގެ އިތުރުން ރާއްޖެއިން އދގެ ޖެނީވާގައި ހުންނަ އޮފީހުގެ ޑެޕިއުޓީ ޕަރމަނަންޓް ރެޕްރެސެންޓޭޓިވް ޖެފްރީ ސާލިމާއި، ޖެނީވާގައި ހުންނަ އޮފީހުގެ ފަސްޓް ސެކްރެޓަރީ އައިޝަތު ޝަހުލާވެސް ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް މިފަހަރުވެސް ރާއްޖޭގެ ވަފުދުން މި ކައުންސިލުގެ ޕެނަލް ޑިސްކަޝަންތަކާއި، އިންޓަރެކްޓިވް ޑައިލޮގްތަކުގެ އިތުރުން މުހިންމު ރެސޮލިއުޝަންތަށް ނިންމާ ޑިސްކަޝަންތަކުގައި ބައިވެރިވާނެކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެއެވެ.
މީގެއިތުރުން ރާއްޖެއިން ވަނީ މި ކައުންސިލުގެ ހަވާސާގައި ބާއްވާ ތިން ސެޝަނެއް ކޯސްޕޮންސަރ ކޮށްފައެވެ. އެގޮތުން އަންހެންނުން ބާރުވެރިކޮށް 2030 ވަނަ އަހަރުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގައި ހިމެނުމަށްޓަކައި މޮރޮކޯއާއި ރާއްޖެ ކޯ ސްޕޮންސަރ ކުރާ ޕެނަލް ޑިސްކަޝަނެއްގައި ޑރ. ޙާލާ ޙަމީދު ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުޑަކުދިންގެ ހައްޤުތަކާއި ތަޢުލީމާއި ގުޅުންހުރި ޕެނަލް ޑިސްކަޝަނެއްގައި ރާއްޖޭގެ ފަރާތުން ޑރ. ޙާލާ ޙަމީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިއީ ފިލިޕީންސްއާއި، ރާއްޖެއާއި، ޔުނިސެފުން ކޯސްޕޮންސަރ ކުރާ ޙަރަކާތެކެވެ.

ރާއްޖެއަކީ ޕާލަމެންޓްތަކުގެ ރޯލު އިތުރުކުރުމުގެ ރެސޮލިއުޝަންގެ މައި އެއް ޤައުމުކަމަށްވުމާއެކު، އިންޓަރ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އާއި އޮފީސް އޮފް ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއަރް)އާއި ގުޅިގެން ޕާލަމެންޓުތަކުގެ ދައުރު އިތުރުކުރުމަށް ބާއްވާ ސައިޑް އިވެންޓެއް ރާއްޖެއިން ކޯ ސްޕޮންސަރކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެއެވެ.

ރާއްޖެއިން މިސެޝަންގައި ބައިވެރިވާ އިތުރު ޙަރަކާތްތަކުގެ ތެރޭގައި، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ކޯ ޗެއަރގެ ޙައިޞިއްޔަތުން އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ހުރިހާ ބައެއްގެ ބައިވެރިވުމާއި ބެހޭގޮތުން އޮސްޓްރޭލިއާއާއި ގުޅިގެން ޖޮއިންޓް ސްޓޭޓްމެންޓެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ހިއުމަން ރައިޓްސް ކައުންސިލުގެ ކަންކަމުގައި ސިޑްސްއާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތައް ބައިވެރިކުރުމަށް ޓްރަސްޓް ފަންޑް ހޯދުމާއި ބެހޭގޮތުން ވާހަކަދެއްކުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސޫރިއާއާއި، ފަލަޞްޠީނާއި، މިޔަންމާގެ ރޮހިންޔާ ނަޞްލުގެ މީހުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ސްޓޭޓްމެންޓެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން 2016 ވަނަ އަހަރާއި ހަމައަށް އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަމުގެ 2 ދައުރު ހަމަކޮށްފައިވާއިރު، މިހާރު ރާއްޖެއަކީ 47 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ މި ކައުންސިލްގެ އޮބްސާވަރ މެމްބަރެކެވެ.