ޚަބަރު

އިންޑިއާ ރައްޔިތުންނަށް ވިސާ ނުދީ ނުހިފަހައްޓަން - އިމިގްރޭޝަން


ރާއްޖެއިން އެއްވެސް ޤައުމެއްގެ ރައްޔިތަކަށް ވިސާ ނުދީ ނުހިފަހައްޓާ ކަމަށާއި، ވިސާ ދިނުމުގައި ވަކި ޤައުމެއް ތަފާތު ނުކުރާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ވިސާ ދިނުމުގައި ވަކި ޤައުމެއްގެ ރައްޔިތުން ތަފާތު ނުކުރާ ކަމަށާއި، އެފަރާތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، ވިސާ ދޫކުރަން ނުޖެހޭ ހާލަތެއް މެދުވެރިވެގެން ވިސާ ދޫނުކުރުން އެއީ ވަކި ޤައުމަކަށް ވެގެން ކުރާކަމެއްނޫންކަމަށެވެ.

އިމިގްރޭޝަނުން ބުނީ އިންޑިއާ ރައްޔިތުންނަށް ވިސާ ނުދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރެމުން ދިޔަ ނަމަވެސް، ރަސްމީ ފަރާތަކުން އެފަދަ އެއްވެސް މައްސަލައެއް މިހާތަނަށް އެޑިޕާޓްމަންޓަށް ހުށަހަޅާފައި ނުވާކަމަށެވެ.

އިމިގްރޭޝަނުން ބުނީ މިއަހަރުގެ މިހާތަނަށް އައިއިރުވެސް، އިންޑިއާގެ 2621 މީހަކަށް ވިސާ ދީފައިވާއިރު، އެގައުމުގެ ރައްޔިތުންނަށް ވިސާނުދެއޭ ބުނާ ވާހަކަތަކެއް ފެތުރެންޖެހޭ ސަބަބެއް ނޭންގޭ ކަމަށެވެ.

"އެކި ސަބަބު ތަކާ ހުރެ އަހަރެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ މީހުން ވިސާ ނުދީ ފޮނުވާލެވޭ. އޭގެ ތެރޭގައި ޗައިނާ، ބަނގުލަދޭޝް، ޖަރުމަން، އިޓަލީފަދަ ގައުމުތަކުގެ ރައްޔިތުންވެސް ހިމެނޭ. އޭގެ މާނައަކީ ވަކި ބަޔަކަށް ވިސާ ނުދީ ހިފެހެއްޓުމެއް ނޫން"

އިމިގްރޭޝަނުން ބުނެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިހެން ބުނެފައި މިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ވޯކް ވިސާގެ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިއާގެ ކެރެލާ ސްޓޭޓުގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އެ ގައުމުގެ ސަރުކާރުގައި އެދިފައިވަނިކޮށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖަށް އެޑްރެސްކޮށް ޕިނަރަޔީ ފޮނުއްވި ސިޓީއެއްގައި ވަނީ އެގައުމުގެ 30،000 އަށްވުރެ ގިނަ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކެރެލާއަށް ނިސްބަތްވާ މީހުން ކަމަށެވެ. އަދި އެމީހުންގެ ވޯކް ވިސާގެ މައްސަލަ ކުރިމަތިވެ އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެ ސިޓީގައި ވަނީ ރާއްޖެއިން ކުރިން ހަފްތާއެއްގެ ތެރޭ ވިސާގެ ކަންތައްތައް ހަމަޖެހޭ ކަމަށާއި، އެހެން ނަމަވެސް މިހާރު އެތައް ދުވަހެއް ވާއިރު ވެސް ވިސާގެ ކަންތައް ހަމަނުޖެހޭ ކަމަށެވެ. އަދި އެއީ ޤައުމީ މައްސަލައެއް ކަމުގައި ދެކި، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.