ޚަބަރު

ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް ބަހަން ފަށައިފި


ރާއްޖޭގެ ސްކޫލްތަކުގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ޓެބްލެޓްތައް ދަރިވަރުންނަށް ބަހަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ބެހުމަށް ހަމަޖެހިފައިވާ ޓެބްލެޓްތައް މިހާރު ބައެއް ރަށްރަށަށް ފޮނުވާފައިވާކަމަށާއި އިތުރު ރަށްރަށަށް ޓެބްލެޓް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މާލޭގެ ސްކޫލްތަކާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޓެބްލެޓްތައް ބަހަމުންދާކަމަށެވެ. ޓެބްލެޓް ބެހުމުގައި ބޮޑަށް އިސްކަންދޭނީ އަތޮޅުތަކަށްކަމަށް އެމިނިސްޓްރީން ބުނެއެވެ.

ދަރިވަރުންނާއި ޓެބްލެޓްތައް ހަވާލުކުރަން ފަށާފައިވާއިރު ބެލެނިވެރިންނާއި ދަރިވަރުން މި ޕްރޮޖެކްޓަށް އަހުލުވެރި ކުރުމުގެ މަސައްކަތް ހުރިހާ ސްކޫލެއްގައިވެސް މިހާރުވެސް ކުރިއަށްދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ތަޢުލީމުގެ ތެރެއިން ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކޮށް އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުންނަށް އޭގެ މަންފާ ކުރާނެގޮތަށް ތަޢުލީމީ ދާއިރާ ބަދަލު ކުރުމަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ޓީޗަރުންނަށް ދޭންޖެހޭ ޓެބްލެޓްތައް މިހާރު ވަނީ ހަވާލުކޮށް ނިމިފައެވެ. އެގޮތުން 8 ހާހަށްވުރެ ގިނަ ޓެބްލެޓް ޓީޗަރުންނާއި ވަނީ ހަވާލުކޮށްފައެވެ. އަދި ގާތްގަނޑަކަށް 63000 ޓެބްލެޓް ބެހުމަށް ހަމަޖެހިފައިވަނީ ދަރިވަރުންނަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ސްކޫލުތައް ޑިޖިޓަލައިޒްކޮށް ދަރިވަރުންނާއި މުދައްރިސުންނަށް 70 ހާހަށްވުރެ ގިނަ ޓެބްލެޓް ބެހުމަށް ހަމަޖެހިފައިވެއެވެ. ކިޔަވައިދިނުމުގައި އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއެކު ޓެބްލެޓް ބޭނުންކުރަންފަށާއިރު، މި ތަކެތި ބޭނުންކުރުމަށް ޓީޗަރުންނަށް ދޭންޖެހޭ ތަމުރީނުތައް ވަނީ ދީފައެވެ. މިގޮތުން ޓީޗަރުންނަށް އަމާޒުކޮށްގެން ލެވަލް 1 އަދި 2 ގެ ތަމްރީނުތައް ރާއްޖޭގެ ހުރިހާ ޓީޗަރުންވެސް ވަނީ ފުރިހަމަ ކޮށްފައެވެ. ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރަން ފަށާއިރު ސްކޫލްތަކުގެ ނެޓްވާރކު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މިހާރު ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.