ޚަބަރު

އީރާނުގެ ބޯޓުގެ ބައިތަކެއް އޮޔާދާތީ ސަމާލުވާން އެދެފި


އިންނަފިނޮޅު ކައިރިއަށް މިދިޔަ މަހުގެ 31ވަނަ ދުވަހު ފަރަށް އެރި އީރާނުގެ ބޯޓުގެ ބައިތަކެއް އޮޔާދާތީވެ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ ހއ. އިންނަފިނޮޅު ފަރަށް މަސް ބޯޓެއް އަރައި، އެ އުޅަނދުގައި އަލިފާން ރޯވެ، އުޅަނދުގެ ބައިތައް އަތޮޅު ތެރެއަށް އޮޔާދާތީ، އެ ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

ފަރަށް އެރި މި މަސްބޯޓުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ވެސް ހުއްޓެވެ. މިކަމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހއ.އިންނަފިނޮޅު ފަރަށް އެރި އީރާނުގެ ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ބޯޓުގައި އަށް މީހަކު ތިބިއިރު އެ އެންމެންވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.