ޚަބަރު

ރިޔާސީ އިންތިޚާބުގައި 24،000 ޒުވާނުންނަށް އަލަށް ވޯޓުލެވޭނެ


އަންނަ ސެޕްޓެމްބަރ މަހުގެ 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި 24،000އަށްވުރެ ގިނަ ޒުވާނުން އަލަށް ވޯޓުލާނެ ކަމަށް ވޯޓަރސް ރަޖިސްޓްރީން ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުގައިވާ ގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 263،183މީހުން ވޯޓުލެވޭނެ އެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭނެ ކަމަށް އިލެކްޝަނުން އާންމުކޮށްފައިވާ ލިސްޓުގައިވަނީ 239،165 މީހުންނަށެވެ. 2013ވަނަ އަހަރުގެ ވޯޓަރސް ރަޖިސްޓްރީއަށްވުރެ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓަރސް ރަޖިސްޓްރީއަށް އިތުރުވެފައިވަނީ 24،018 މީހުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓަރސް ލިސްޓް މި މަހުގެ 10ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާއިރު އަދި ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ރަޖިސްޓްރީ އަދި އާއްމެއްނުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުން މި މަހުގެ 20ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފައި އޮންނާނެ ކަމަށެވެ.
ދެހާސް ތޭރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މުޅިން އަލަށް ވޯޓު ލުމުގެ ޙައްޤު 30،000 ޒުވާނަކަށް ލިބިގެންދިޔައެވެ. އަދި އެ އިންތިޚާބުގެ ދެވަނަ ބުރުގައި 60 މީހަކަށް އަލަށް އެ ފުރުޞަތު ލިބުނެވެ.