ޚަބަރު

ޖަޕާނަށް އައި ބިންހެލުމެއްގައި ތިން މީހުން މަރުވެއްޖެ


ހުޅަނގު ޖަޕާނަށް މެގްނިޓިއުޑް 6.1ގެ ބިންހެލުމެއް އައިސް ހިނގި ހާދިސާތަކުގައި ތިން މީހަކު މަރުވެ، އެ ޤައުމުގެ އޮސާކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި އެންމެންވެސް މަރުވީ، ބިންހެލުމާ ގުޅިގެން ވެއްޓުނު ފާރުތަކުގެ ދަށުވެގެންނެވެ.

ބިންހެލުން އައި އިރު ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ އެއީ މެގްނިޓިއުޑް 5.9 ގެ ބާރުމިނުގެ ބިންހެލުމެއްކަމަށެވެ. އެހެންނަމަވެސް ފަހުން އެ އިދާރާއިން ވަނީ، މި ޢަދަދު 6.1އަށް އަޕްގްރޭޑްކޮށްފައެވެ.

ބިންހެލުމާ ގުޅިގެން އޮސާކާގެ ހިޔޯގޯ ޕްރެފެކްޗަރގެ 170،000 ގޭ ބިސީއަށް ވަނީ ކަރަންޓުގެ ޚިދުމަތްވެސް ކެނޑިފައެވެ. މަގުމަތީގައި ހުރި ފެންހޮޅިތައް ފަޅައިގެންގޮސް ބޮޑެތި މަގުތަކުގައި ފެންބޮޑުވެފައިވާކަމަށާއި، ދުއްވާތަކެތި ދުއްވަން ދަތިވެ، ކަރަންޓު ކެނޑިފައިވުމުގެ ސަބަބުން އޮސާކާގެ ރައްޔިތުންނަށް ވަނީ ގެއްލުންވެފައެވެ. އެހެންނަމަވެސް އެ ސަރަޙައްދުގެ އެއްވެސް ނިއުކްލިޔަރ ޕްލާންޓަކަށް ގެއްލުން ނުވާކަން އެ ޤައުމުން ވަނީ ކަށަވަރުކޮށްދީފައެވެ.