ޚަބަރު

ޢީދު ބަންދަށްފަހު ހިޔާ މަޝްރޫޢުގެ ފްލެޓް ފޯމްތައް ބަލައިގަންނަން ފަށައިފި


"ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދޭ ފޯމު ބަލައިގަތުން އީދަށް މެދުކަނޑާލާފައި އޮތުމަށްފަހު އަނެއްކާވެސް ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ހަ ރޯދަ ނިމެންދެން ފޯމުތައް ބަލައިގަތުން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ 10:30 އިން ފެށިގެން ހަވީރު 4 އަކަށް އަދި ރޭގަނޑު 8 އަކުން 11 އަށް ކަމަށެވެ. އަދި ހަ ރޯދައަށް ފަހު ފޯމު ބަލައިގަންނާނެ ގަޑިތައް ހާމަކުރާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. ސަރުކާރުން މިހާތަނަށް ހިންގާ ބޯ ހިޔާވަހި ކަމުގެ އެންމެ ބޮޑު މަޝްރޫޢު ގެ 7000 ހައުސިންގް ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މި މަޝްރޫޢަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.