ކުޅިވަރު

މޮޅުވާން ބޭނުންވަނީ ރީތި ކުޅުމަކާއިއެކު - ސައުތްގޭޓް


ޓިއުނީޝިއާ އަތުން މޮޅުވާން ބޭނުންވަނީ ރީތި ކުޅުމެއް ދައްކައިގެންކަމަށް އިންގްލެންޑްގެ ކޯޗު ގެރެތް ސައުތްގޭޓް ބުނެފިއެވެ.

މިފަހަރުގެ ވޯލްޑްކަޕްގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނިކުންނާނީ ޓިއުނީޝީޔާއާއި ދެކޮޅަށެވެ. އިންގްލެންޑްގެ ކޯޗު ގެރެތް ސައުތްގޭޓް ބުނީ ހުރިހާ ސަޕޯޓަރުންވެސް ބޭނުންވަނީ އިންގްލެންޑުން ހިތްގައިމު ފުޓްބޯޅައެއް ކުޅެންކަމަށާއި، މޮޅުވުމާއިއެކު އެކަން ކުރުން މުހިންމުކަމަށެވެ. އޭނާ ބުނީ އިންގްލެންޑުން މިފަހަރުގެ ވޯލްޑްކަޕްގައި ކުޅޭނީ ތަފާތު ސިސްޓަމަކަށްކަމަށާއި، މިއީ ކުޅުންތެރިންގެ ކުޅުމުގެ ސްޓައިލަށް ބެލުމަށްފަހު އޭނާ ނިންމި ނިންމުމެއްކަމަށެވެ.

މޮޅުވުން އެކަންޏެއް ނޫން މުހިންމީ، ރީތި ކުޅުމެއްވެސް ކުޅެން ބޭނުން، ސަޕޯޓަރުން ހިތްހަމަޖެހޭ ފެންވަރުގެ ކުޅުމެއް، މިއޮތް ޓީމާއިއެކު އަހަރެން ބޭނުންވާ ގޮތަށް ކުޅެވޭނެ" ސައުތްގޭޓް ބުންޏެވެ.

ފުރަތަމަ މެޗަކީ މި މުބާރާތުން ސަޕޯޓަރުންނަށް އުއްމީދުތަކެއް ހޯދައިދޭން ލިބޭ ފުރަތަމަ ފުރުސަތުކަމަށާއި، ޓިއުނީޝިޔާ ބަލިކޮށް ހުރިހާ ސަޕޯޓަރުން އުފާކޮށްދޭން ބޭނުންވާކަމަށް ސައުތް ގޭޓް ބުންޏެވެ.

ޓިއުނީޝިޔާގެ ކޯޗު ނަބީލް މާލޫލް ބުނީ އެޓީމް އޮތީ ފޯމުގައިކަމަށާއި، ވަރުގަދަ ގްރޫޕެއްގައި އޮތަސް ދެވަނަ ބުރުގެ ޖާގައަކަށް އުއްމީދުކުރާކަމަށެވެ. ވަރުގަދަ ޓީމްތައް ބަލިކޮށް ތާރީޚުން ޖާގަ ހޯދުމަކީ އަޒުމްކަމަށްވެސް ކޯޗު މާލޫލް ބުންޏެވެ.

މީގެ ކުރިން ވޯލްޑްކަޕްގައި މި ދެ ޓީމް ވާދަކޮށްފައިވަނީ 1998ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައެވެ. އެ މެޗު ދޭއް ސުމަކުން ކާމިޔާބުކުރީ އިންގްލެންޑުނެނެވ.

މި މެޗަށް ނިކުންނައިރު އިންގްލެންޑުގެ ސަޕޯޓަރުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މީގެ ކުރިން އެޓީމް އެފްރިކާގެ ޓީމެއް އަތުން ބަލިވެފައިނުވުމެވެ.