ކުޅިވަރު

ތިރީސް ދެ ޓީމާއެކު މިއަހަރުގެ ބައިބަލާ މުބާރާތް ފަށައިފި


ތިރީސް ދެ ޓީމާއެކު މިއަހަރުގެ ބައިބަލާ މުބާރާތް ފަށައިފިއެވެ.

މާފަންނު ސްޓޭޑިއަމްގައި މިރޭ ފެށި މި މުބާރާތުގައި ޖުމްލަ 7 މެޗެއްވަނީ ކުޅެފައެވެ.

މުބާރާތް ފެށުމުގެ ގޮތުން ޓީމުތަކާއި ވާހަކަ ދައްކަވަމުން ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަޙުމަދު އައްސަދު ވިދާޅުވީ، ކޮންމެ އަހަރަކުވެސް އެ އެސޯސިއޭޝަނުން މުބާރާތް ރާވާ ހިންގަނީ ކްލަބުތަކުގެ އެހީތެރިކަމާ އެއްބާރުލުމާއެކު ކަމަށެވެ. އެގޮތުން މިއަހަރުގެވެސް ކާމިޔާބު މުބާރާތެއް ކުރިއަށްގެންދިޔުމަށް ކުލަބުތަކުން އެއްބާރުލުންދޭނެ ކަމަށް އުންމީދުކުރާ ކަމަށް އައްސަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ އަހަރެއްގެ މުބާރާތައްވެސް ކްލަބުތަކުން އަންނަނީ ބޮޑު ޚަރަދެއް ކޮށްގެން ކަމަށާއި އެގޮތުން ބައެއް ޓީމުތައް އެންމެ މެޗަކުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔަންޖެހޭ ކަމަށެވެ. އެހެން ކަމުން ކްލަބުތަކުގެ ތާއީދާއެކު އަންނަ އަހަރުގެ މުބާރާތުގައި ނޮކްއައުޓް ސިސްޓަމަށް އޮންނަ އޮތުން ބަދަލުކުރެވޭނެ ކަމަށް އައްސަދު ވިދާޅުވިއެވެ.


މުބާރާތުގެ ފުރަތަމަ މިރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ކްލަބު ޓީނޭޖް ވަނީ ކްލަބު ވޯންޓެޑްގެ މައްޗަށް ސީދާ ދެ ގޭމުން ކުރިހޯދާފައެވެ. މީގެ އިތުރުން މިރޭ ކުޅުނު އެހެން މެޗުތަކުން ކުޑަހެންވޭރު ބީޗާއި، މަސްއޮޑި ސްޕޯޓްސް ކްލަބު، ޕަންކް ނެކްސްޓް ލެވެލް، ބުރު ސްޕޯޓްސް ކްލަބް، ބުރު ޕާކް އަދި ކްލަބު އޯވަންއޯ ވަނީ މޮޅުވެފައެވެ.

މި މުބާރާތުގައި މިރޭ 8 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ޔެސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.