ޚަބަރު

ރާއްޖެއާއި އިންޑިއާގެ ގުޅުން ރަނގަޅުކޮށްދީ - ކެރަލާގެ ޗީފް މިނިސްޓަރު


ޒަމާނުއްސުރެ ގާތް ގުޅުމެއްއޮތް ދިވެހި ރާއްޖެއާއި އިންޑިއާގެ ގުޅުން ފަހަކައައިސް ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާކަމުގެ ވާހަކަތައް އިންޑިއާއާއި، ރާއްޖެ މީޑިއާޓކުގައިވެސް ދަނީ ފެތުރެމުންނެވެ. އެހެންނަމަވެސް ދެޤައުމުގެ ސަރުކާރުންވެސް މިހާތަނަށް މިގުޅުން ހީނަރުވެފައިވާކަން ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް އިންޑިއާގެ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެޤައުމުގެ ޒަމާންވީ އެކުވެރިޔާ ދިވެހިރާއްޖެއާ އެޤައުމުގެ ގުޅުން ހީނަރުވެފައިވާކަމަށްބުނެ އިންޑިއާގެ ސިޔާސީ ބޭފުޅުންނާއި، އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ފާޑުކިއުންތައް އިންޑިއާ ސަރުކާރަށްވަނީ އަމާޒުވެފައެވެ.
އިންޑިއާއާއި ރާއްޖެއަކީ ޒަމާނުއްސުރެވެސް ގާތް ގުޅުމެއް ބާއްވައި އެގުޅުން ބަދަހިކުރަމުން އަންނަ ދެޤައުމެވެ. ދިމާވާ ކޮންމެ ދަތިކަމެއްގައިވެސް ދެ ޤައުމުވެގެން ގޮސްފައިވަނީ އެއް ޤައުމު އަނެއް ޤައުމަށް މަދަދުވެރިވެދޭ އިތުބާރު ހިފޭ ދެ ބައިވެރިންނަށެވެ.

އެހެންނަމަވެސް ޒަމާނީ ޑިމޮކްރެޓިކް ނިޒާމަކުން ރާއްޖޭގެ ވެރިކަން ހިންގަން ފެށުމާއި، އިޤްތިޞާދީގޮތުން ރާއްޖެއިން އެޅި ބައެއް ފިޔަވަޅުތަކާއެކު، އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ ގުޅުމުގައި ކޮންމެވެސް ވަރެއްގެ ކުންޏެއް ޖެހިފައިވާކަމުގެ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަންފެށިއެވެ. ދެޤައުމުންކުރެ ޤައުމެއްގެ ސަރުކާރުން މިކަމުގެ ވާހަކަތައް ހާމަނުކުރިޔަސް މިއީ ޚާއްސަކޮށް އިންޑިއާގެ މިޑިއާގައި ވަރަށްބޮޑަށް ދެކެވޭ ވާހަކައެކެވެ. އިންޑިއާގެ މީޑިއާތަކުގެ ރިޕޯޓުތަކަށް ބަލާއިރު، ރައީސް ޔާމީންގެ ސަރުކާރުން އަޅުއްވާފައިވާ އިޤްތިޞާދީ ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖެއާއި ޗައިނާގެ ގުޅުން އާދައާޚިލާފަށް ބަދަހިވެގެން ދިއުމަކީ، އިންޑިއާއަށް އޮތް ދެރައެކެވެ. އެގުޅުން އެންމެބޮޑަށް ބަދަހިކުރަންޖެހޭނީ އިންޑިއާއިންނެވެ. އިންޑިއާއަށްވުރެ ބޮޑަށް ޗައިނާ ރާއްޖެއާ ގާތްވަނީ އިންޑިއާގެ މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކުގެ ދޯހަޅިކަމުންކަމަށް އެޤައުމުގެ ބައެއް ސިޔާސީ ފަރާތްތަކުން ދެކެއެވެ.

އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީގެ ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާ އިންޑިއާގެ ގުޅުން ހީނަރުވެފައިވަނީ އިންޑިއާ ސަރުކާރުގެ ޚާރިޖީ ސިޔަސަތުގެ ދޯދިޔާކަމާއި ދޯހަޅިކަމުގެ ސަބަބުންކަމަށެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރާހުލް ގާންދީގެ އޮފިޝަލް ޓުއިޓަރ ހޭންޑަލްއިން ކޮއްފައިވާ ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ ރާއްޖެއަކީ އިންޑިއާގެ އެންމެ ގާތް އެއްބައިވެރިޔާކަމުގައި ވާއިރު އިންޑިއާގެ ރައްޔިތުންނަށް ރާއްޖެއިން ވިސާލިބުމުގައި މިހާރުހުރި ދަތިތަކަކީ އިންޑިއާގެ ޚާރިޖީ ސިޔާސަތުގެ ބޮޑު ފެއިލިއަރއެއްކަމަށެވެ. ދެ ޤައުމގެ މެދުގައި އޮތް ގާތް ޒަމާންވީ ގުޅުން ދެމެހެއްޓެނިވި ސްޓްރެޓީޖިކް ގުޅުމަކަށްވުރެ ބޮޑަށް މިއަދު މިވަނީ ފޮޓޯ ނެގުމުގެ ފުރުސަތުތަކައް ބަދަލުވެފައިކަމަށް ވިދާޅުވެ ރާހުލްވަނީ ފާޑުވިދާޅުވެފައެވެ.

މިމައްސަލަ އިންޑިއާގެ ސިޔާސީ މަސްރަޙުގެ ސުރުޚީއަކަށްވެފައިވާއިރު ސިޔާސީ ފަރާތްތަކުގެ އިތުރުން އިންޑިއާގެ ސަރަޙައްދީ ސަރުކާރުތަކާއި، ޢާއްމުރައްޔިތުންވެސް މިމައްސަލާގައި އިންޑިއާ ސަރުކާރަށް ފާޑުކިޔުންތަށް އަމާޒުކުރެއެވެ.

އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުންވެސް ދަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓްގެ ކަންކަމުގައިވެސް މިމައްސަލައިގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ 30 ހާހަށްވުރެ ގިނަ މީހުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނައިރު މިކަމުގެ ސަބަބުން އިންޑިއާގެ އެތަށް ރައްޔިތުންނަކަށް ބޮޑު އަސަރެއްކުރާނެކަމަށެވެ. ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންގެ ތެރެއިން ގިނައީ ކެރަލާ ރައްޔިތުންކަން ފާހަގަކުރައްވައި ވިޖަޔަން ވަނީ އިންޑިއާ ރައްޔިތުންނަށް ވިސާ އާއި ވޯކް ޕާމިޓް ލިބުމުގައި ހުރި ދަތިތައް، ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު، ސުޝްމާގެ އަރިހުން އެދިވަޑައިގެންފައެވެ.

ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވިދާޅުވާގޮތަށް އެޤައުމުގެ 30 ހާސް މީހުން ރާއްޖޭގައި މަސައްކަތް ކުރާނަމަ، އެއިން ކޮންމެ މީހަކަށް އެއްހާސް ޑޮލަރުގެ މުސާރައެއް ލިބޭނެކަމަށް ބެލިޔަސް އެއީ ޖުމުލަ 30 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ރާއްޖެއިން އިންޑިއާއަށް އެތެރެވާ ފައިސާއެވެ. ދެޤައުމުގެ ގުޅުން ހީނަރުވުމުގެ ގެއްލުން އިންޑިއާރައްޔިތުންނަށް ކުރި މިންވަރު އެޤައުމުގެ ސިޔާސީ ފަރާތްތަކުން ފާހަގަކުރަނީ ޤައުމީ މައްސަލައެއްގެ ގޮތުގައެވެ.