ޚަބަރު

މާދަމާ ދަރިވަރުންނަށް ޓެބްލެޓް ބަހަން ފަށަނީ


ފުރަތަމަ ޓާމް ޗުއްޓީއަށްފަހު ދެވަނަ ޓަމްގެ ކިޔެވުން މާދަމާ ފަށާއިރު ދަރިވަރުންނަށް ޓެބްލެޓް ދޫކުރަން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީންބުނީ އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ބެހުމަށް ހަމަޖެހިފައިވާ ޓެބްލެޓްތައް މިހާރު ބައެއް ރަށްރަށަށް ފޮނުވާފައިވާކަމަށާއި އިތުރު ރަށްރަށަށް ޓެބްލެޓް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މާލޭގެ ސްކޫލްތަކަށްވެސް ޓެބްލެޓް ބަހަން ފަށާނެކަމަށާއި ޓެބްލެޓް ބެހުމުގައި ބޮޑަށް އިސްކަންދޭނީ އަތޮޅުތަކަށްކަމަށް އެމިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުންނަށާއި ދަރިވަރުންނަށް 70000 ޓެބްލެޓް ބެހުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 63000 ޓެބްލެޓް ބެހުމަށް ހަމަޖެހިފައިވަނީ ދަރިވަރުންނަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މާދަމާ ފަށާއިރު ފުރަތަމަ ޓަމްގެ ޗުއްޓީއަށް ސްކޫލްތައް ބަންދުކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

މިއަހަރުގެ ފުރަތަމަ ޓާމްގެ ޗުއްޓީވަނީ ފިތުރު ޢީދާވެސް ދިމާވެފައެވެ. ޢީދަށް ފަހު މާދަމާ އަލުން ސްކޫލްތައް ފަށާއިރު ސްކޫލްތައްވަނީ ދެވަނަޓާމަށް ތައްޔާރުވެފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ ދުއިސައްތައަށްވުރެ ގިނަ ސްކޫލްގައި އަށްޑިހަ ހާހަށްވުރެއް ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރެއެވެ. ދެވަނަ ޓަމްގެ ކިޔެވުން ފަށާއިރު ތަޢުލީމީ ދާއިރާއަށް ބޮޑުބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.