ޚަބަރު

ހުޅުލޭ ނެރު ބަންދުކޮށް ޕާކިން އޭރިއާއެއް ތަރައްޤީކުރަނީ


ހުޅުލެއަށް ފެރީ ވަނުމަށް މިހާރު ބޭނުންކުރަމުންދާ ނެރު ބަންދުކޮށް އެއަރޕޯޓް ޕާކިން އޭރިއާ ތަރައްޤީކުރުމުގެ މަސައްކަތް މިމަހު ފަށާނެކަމަށް އެމްއޭސީއެލުންބުނެފިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، މިމަސައްކަތާއެކު ކަނޑު އުޅަނދުފަހަރު ވަނުމަށް އައު ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. ބްރިޖް މަޝްރޫޢާއެކު ގިނަ އެއްގަމު ވެހިކަލްތައް ހުޅުލެއަށް ދަތުރު ކުރާނެކަމަށާއި، އެ އުޅަނދުތައް ޕާކްކުރުމަށް ތަނަވަސް ޕާކިން އޭރިއާއެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށްވެސް ޢާދިލް ވިދާޅުވިއެވެ. އެގޮތުން މިހާރު ހުޅުލެއަށް ފެރީތައް ވަނުމަށް ބޭނުންކުރާ ހުޅަނގުފަރާތު ނެރު ބަންދުކޮށް އެތަނުގެ ބިން ހިއްކުމަށް ނިންމާފައިވާކަމަށާއި، އެ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެކަމަށްވެސް ޢާދިލް ވިދާޅުވިއެވެ. އަދި އެތަން ހިއްކާ އޮގަސްޓަ މަހުގެ ތެރޭގައި ޕާކިން އޭރިއާ ބޭނުންކުރަން ފަށާނެކަމަށްވެސް ޢާދިލް ވިދާޅުވިއެވެ. އަދި އުޅަނދުފަހަރު ވަނުމަށް އިތުރު ނެރެއް ކެނޑުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ޢާދިލް މޫސާ ފާހަގަކުރެއްވިއެވެ.

"ބްރިޖް ނިމޭއިރަށް ވަރަށް ގިނަ ވެހިކަލްތައް އެއަރޕޯޓަށް އެކްސެސްވާނެ. އެހެންވެ ޕާކިން އޭރިއާއެއް ޑެވެލޮޕްކުރުުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދަން. އަދި މިހާރު ނެރެއް ކެނޑުމުގެ މަސައްކަތް ކުރިއަށްދާނެ. އެގޮތުން ހުޅަނގު ފަރާތުގައި އުޅަނދުތައް ވަނުމަށް ބޭނުންކުރާ ނެރު ބަންދުކުރުމަށްފަހު އެތަން ހިއްކައި އެއަރޕޯޓް ޕާކިން އޭރިއާކަމަށް ހަމަޖެއްސުމަށް ވަނީ ނިންމާފައި. ފުދޭވަރަކަށް ބޮޑު ޖާގައެއް ޤާއިމްކުރެވޭނެ. އޭގެ މަސައްކަތް މިމަހުފެށޭނެ. އަދި އައު ނެރެއްކަނޑައި މިމަހު ބޭނުންކުރާން ފަށާނެ. އޮގަސްޓް ނިމެންވާއިރަށް ޕާކިން އޭރިއާ ތައްޔާރުވާނެ."

ޢާދިލް މޫސާ ވިދާޅުވިއެވެ.

މީގެއިތުރުން ބްރިޖްމަޝްރޫއާއެކު ހުޅުލެއާއި ހުޅުމާލެ ގުޅާލާ ހައިވޭ ހަދަމުންދަނީ އެއަރޕޯޓްގައި މިހާރު ބޭނުންކުރާ މަގު އޮތްތަނުގައިކަމަށްވުމުން އިތުރު މަގެއް ހެދުމުގެ ތަރައްޤީކޮށް ވަނީ ނިންމާލާފައެވެ. މިމަގު ތަރައްޤީކޮށްފައިވަނީ ހުޅުލެއާއި ހުޅުމާލެ ހައިވޭއާ އިންވެގެންނެވެ. އެ މަގު ތަރައްޤީކުރުމަށް 18 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވިއެވެ.