ކުޅިވަރު

ފީފާ ވަރލްޑްކަޕް: ޖަރމަނީ - މެކްސިކޯ


ޖަރުމަން ކަހަލަ ޓީމެއް އަތުން އެންމެ ޕްލޭނެއް އޮވެގެން މޮޅެއް ނުވާނެކަމަށްކަމަށް މެކްސިކޯގެ ކޯޗު ކާލޯސް އޮސޯރިއޯ ބުނެފިއެވެ.

ވަރލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭ ޖަރުމަނާއި މެކްސިކޯ ވާދަކުރާނެއެވެ. މެކްސިކޯގެ ކޯޗު އޮސޯރިއޯ ބުނީ ޕްލޭން އޭ ފްލޮޕް ވެއްޖެނަމަ ޕްލޭން ބީވެސް ޕްލޭން ސީވެސް އެބައޮތްކަމަށާއި، އޭނާއަށް ގޮތް ހުސްނުވާނެކަމަށެވެ. ބޮޑެތި ޓީމްތައް ބަލިކުރަން އިނގޭކަމަށާއި، ވަރލްޑްކަޕަށް މެކްސިކޯ އޮތީ ފުރިހަމައަށް ފައްކާވެފައިކަމަށެވެ.
ޖަރުމަންގެ މިޑްފިލްޑަރ ޓޮނީ ކްރޫސް ބުނީ ޖަރުމަންގެ ސްކޮޑުގައި ހުރިހާ ކުޅުންތެރިންނަކީވެސް މުހިންމު ކުޅުންތެރިންކަމަށާއި، ޓީމްގެ ތަފާތަކީވެސް އެއީކަމަށެވެ. ކޮންމެ ކުޅުންތެރިއަކަށްވެސް ކޯޗު ލޯގެ ފުރިހަމަ އިތުބާރު އޮންނަކަމަށާއި، ތަށި ދިފާއުކުރާ ވާހަކަދައްކާނީ ފައިނަލާއި ހަމައަށް ދެވުމުންކަމަށް ކްރޫސް ބުންޏެވެ. ކްރޫސް ބުނީ މިއީ ފުރަތަމަ މެޗުކަމަށާއި، އޯވާކޮންފިޑެންސާއިއެކު މެޗަށް ނުނިކުންނާނެކަމަށެވެ.

މި ދެޓީމް ވަރލްޑްކަޕްގައި މިހާތަނަށް ތިން ފަހަރު ވާދަކޮށްފައިވާއިރު، ތިން ފަހަރުވެސް މެކްސިކޯގެ މައްޗަށް ޖަރުމަނުންވަނީ ކުރި ހޯދާފައެވެ. މި މެޗަށް ނިކުންނައިރު ޖަރުމަންގެ މިޑްފިލްޑަރ މެސުތް އޮޒިލްވަނީ އަނިޔާއިން ރަނގަޅުވެ މުޅިން ފިޓުވެފައެވެ.

ޖަރުމަނާއި މެކްސިކޯ ވާދަކުރާ މެޗު ފަށާނޫ ރާއްޖެ ގަޑިން މިރޭ 8:00 ގައެވެ. ޕީއެސްއެމް ކަވަރޭޖްގެ ޕްރީ ޝޯވ ފަށާނީ 7:00 ގައެވެ.