ޚަބަރު

ވޯލްޑްކަޕްގެ މަޢުލޫމާތު ހިމެނޭ ފޮތެއް ޕީއެސްއެމުން ނެރެފި


ވޯލްޑް ކަޕުގެ މުހިއްމު ގިނަ މަޢޫލޫމާތުތަކެއް ހިމަނައިގެން ޕީއެސްއެމްގެ ފަރާތުން "ރަންތަށި" މި ނަމުގައި ފޮތެއް ނެރެފިއެވެ. މިފޮތް ނެރެދެއްވީ މިފަހަރުގެ ޕީ.އެސް.އެމާއި ފީފާ ވޯލްޑް ކަޕް ކަވަރޭޖްގައި އެނަލިސްޓެއްގެ ގޮތުން މަސައްކަތް ކުރައްވާ ޓީ.ސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުޙައްމަދު ނިޒާމެވެ.

ޕީ.އެސް.އެމް ސްޕޯޓްސް ޓީމުން ލިޔެފައިވާ މިފޮތުގައި މިފަހަރުގެ ވޯލްޑް ކަޕާއި ގުޅުންހުރި ގިނަ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ފޮތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނާވެސް ގުޅޭގޮތަށް ޝައުޤުވެރި ގިނަ މަޢުލޫމާތުތަކެއް ހިމަނައިގެން ލިޔެފައިވާ ފޮތެކެވެ.

މި ފޮތުގައި ވޯލްޑްކަޕްގެ މެޗުތަކުގެ ތާވަލާއި، ޓީމުތަކާއި، ކޯޗުންނާއި، ކުޅުންތެރިންނާއި ގުޅޭ މަޢުލޫމާތާއި، ވޯލްޑްކަޕްގެ ތާރީޚީ ގިނަ މަޢުލާމާތުތަކެއް ހިމަނާފައިވެއެވެ.

މިއީ ޕީ.އެސް.އެމުން ވޯލްޑް ކަޕް ކަވަރޭޖް ވީހާވެސް ފުރިހަމަ އަދި ދިވެހިރައްޔިތުން ބަލައިގަންނަ ފަދަ ޝައުގުވެރި ކަވަރޭޖަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ނެރެފައިވާ ފޮތެއްކަމަށް ޕީއެސްއެމުން ބުނެއެވެ.

މި ފޮތް ބޭނުންވާ ފަރާތްތަކައް މި ފޮތް ހިލޭ ލިބޭނެ އިންތިޒާމު ޕީއެސްއެމުން ވަނީ ހަމަޖައްސާފައެވެ. ފޮތް ނެރުމާއެކު ޕީއެސްއެމްގެ ކައުންޓަރުން ބަހަންފަށާފައިވާއިރު،ގިނަ ޢަދަދެއްގެ ޢާއްމުން މި ފޮތް ގެންދިޔައެވެ.

ޕީ.އެސް.އެމަކީ ފީފާ ވޯލްޑް ކަޕްގެ ލައިސަންސްޑް ބްރޮޑްކާސްޓަރެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއްވެސް ޕީ.އެސް.އެމްގެ ޗެނަލްތަކުން މުޅި ރާއްޖެއަށް ވަގުތުން ގެނެސްދޭނެއެވެ.