ސައުވިސް ގަޑިއިރު މެދުނުކެނޑި މުޅިރާއްޖެއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު އަމާޒެކެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ތިންއަހަރުދުވަސް ފުރިހަމަވީއިރު، މިއަމާޒަށް ވާޞިލްވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދިނުމުގެ އަމާޒަށް ވާޞިލްވެވުމާއެކު މިދާއިރާއިން މިހާރު ސަރުކާރުގެ އަމާޒަކީ ސާފު ހަކަތައިގެ ދާއިރާ ފުޅާކުރުމެވެ. ރާއްޖެއިން ލިބެންހުރި ގުދުރަތީ ވަސީލަތްތަކާ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޢާދަ ކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރުންވަނީ ފަށާފައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ދުވާލުގެ ވަގުތުތަކުގައި ބޭނުންކުރާ ހަކަތައިގެ އެންމެ މަތީ މިންވަރުގެ %30 ހަކަތައަކީ ޢިއާދަކުރަނިވި ހަކަތައަށް ހެދުމަށް 2014 ވަނަ އަހަރު ސަރުކާރުންވަނީ މަޝްރޫޢެއް ފަށާފައެވެ.
ހަކަތަ އުފެއްދުމަށް ތެޔޮ އެންދުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާއި، ތެލަށް ކުރަންޖެހިފައިވާ ހޭދަކުޑަކުރުމަކީ ސަރުކާރުން މަސައްކަތްކުރަމުންދާކަމެކެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރުގެ %10 ޚަރަދު ކުރަނީ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތެޔޮ އެތެރެ ކުރުމަށެވެ. ތެލަށްކުރާ ހޭދަ ކުޑަކުޑަކުރެވިއްޖެނަމަ އެކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރާނެއެވެ.
މި މަޤުޞަދު ޙާޞިލްކުރުމަށްޓަކައި ވޭތުވެދިޔަ 4 އަހަރު ސަރުކާރުންވަނީ އިޢާދަ ކުރަނިވި ހަކަތަ އުފެއްދުމަށް 139 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމޭއިރު މި ޢަދަދު 200 މިލިޔަނަށް އަރާނެކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ. މިމަސައްކަތުގެ ނަތީޖާ ރަނގަޅުވާނެކަން ހާމަވަނީ މިސަރުކާރު ވެރިމާއި ހަވާލުވިއިރު އިޢާދަ ކުރަނިވި ހަކަތައިގެ އެންމެ 2 މެގަވޮޓް ހުރިނަމަވެސް މިހާރު މިޢަދަދު 11 މެގަވޮޓަށް އިތުރުވެފައިވާތީއެވެ.
މިހާރުވެސް 5 ރަށެއްގައި އަވިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކޮށް އުފައްދާ ކަރަންޓު ބޭނުންކުރަމުންދެއެވެ. އޭގެރެތޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކާއި، ށ.ގޮއިދޫ، ޅ.ކުރެންދޫ، ތ.ބުރުނީ، ގއ.ވިލިގިލި ހިމެނެއެވެ.
2019ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރާ މި މަޝްރުޢޫ އެއްކޮށް ނިމުމުން ރާއްޖޭގައި ބޭނުންކުރާ އިޢާދަކުރަނިވި ހަކަތައިގެ ނިސްބަތް 30 މެގަވޮޓަށް އިތުރުވާނެއެވެ. މި މަޝްރޫޢުގެ ސަބަބުން ތެލައްކުރާ ޚަރަދުން ގާތްގަނޑަކަށް 137 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.
އަވިން އުފައްދާ ކަރަންޓްގެ އިތުރުން ވައިންނާއި، ކަނޑުގެ އޮއިވަރާ، އުކާލެވޭ ކުނި ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ތަހްލީލްތައް މިހާރުދަނީ ކުރިއަށެއެވެ.