ކުޅިވަރު

މިޞްރުގެ އުއްމީދުތައް ގުޅިފައިވާ މުހައްމަދު ސަލާހު


މިސުރުގެ މުހައްމަދު ސަލާހަކީ ނިމިދިޔަ ސީޒަނުގައި ޔޫރަޕުގައި ހުރި އެންމެ ވިދުންގަދަ ތަރިއެވެ.

އިޓަލީގެ ރޯމާއިން 36 މިލިއަން ޕައުންޑަށް އޭނާ ލިވަޕޫލަށް ބަދަލުވުމާއެކު ސަލާހްގެ ފަރާތުން ފެނިގެންދިޔައީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. އޭނާ ކަމުނުގޮސް ކުރިން ދޫކޮށްލި ކުލަބުތަކުން އެކަމާ އިންތިހާއަށް ހިތާމަ ކުރަންޖެހުނު ފަދަ ކުޅުމެކެވެ. ސަލާހް ދެއްކި މޮޅު ކުޅުމުގެ އިތުރަށް ޔޫރަޕުގެ ރަންބޫޓަށް ލަޔޮނަލް މެސީއާ އެންމެ ގާތުން ވާދަކުރީ ވެސް އޭނާއެވެ. އެއީ ޖުމުލަ 31 ގޯލާއެކުއެވެ. އަދި ރެކޯޑް އަދަދެއް ކަމަށްވާ 32 ގޯލު ޖަހައިގެން އިނގިރޭސި ލީގުގެ ރަންބޫޓު ހޯދީ ވެސް އޭނާއެވެ.

ސަލާހް ލިވަޕޫލަށް ގެނައުމުގެ ކުރިން ކުޅުނީ އެ ޓީމާ ވާދަވެރި ޗެލްސީ އަށެވެ. އެކުލަބުން އޭނާ ކަމުނުގޮސްގެން ދޫކޮށްލީ އިޓަލީގެ ފިއޮރެންޓީނާ އަށެވެ. ލިވަޕޫލަށް ގެނައީ އިޓަލީގެ ރޯމާގައި ހުއްޓައެވެ. އެކުލަބުގެ ރައީސް ވިދާޅުވީ ސަލާހް ގަންނަން 36 މިލިއަން ދޭން ޖެހުމުން ލިވަޕޫލުން އެއަގު ބޮޑުވެގެން އުޅުނު ކަމަށެވެ. ނަމަވެސް ސަލާހް ދައްކަން ފެށި މޮޅު ކުޅުމާއެކު ޗެލްސީ ތެރޭގައި ވެސް އަރައިރުން އުފެދުނެވެ. އެކުލަބުން އޭނާ ވިއްކާލީ ތިމަންނަ ނޫން ކަމަށްބުނެ ކުރީގެ ކޯޗުންނާއި މެނޭޖްމަންޓުން އެކަކު އަނެކަކު ބޯ ދަމައިގަންނަން ފެށިއެވެ.

ސަލާހަކީ މުސްލިމެކެވެ. ކޮންމެ މެޗެއް ފެށުމުގެ ކުރިން ކީރިތި ޤުރުއާން ކިޔެވުމާއި ﷲގެ ހަޒްރަތަށް ދުއާ ކުރުމަކީ އޭނާގެ އާދައެކެވެ. އަދި ކޮންމެ ގޯލަކަށް ފަހު ﷲ އަށް ޝުކުރުގެ ސަޖިދަ ޖަހައެވެ. އަދި ޓީމު ދަތުރުކުރާއިރު ފްލައިޓްގައި ޤުރުއާން ކިޔެވުމަށް މުސްހަފެއް އަބަދުވެސް އަތް ފޯރާ ފަށުގައި ބާއްވައެވެ. މިހެންވެ އޭނާގެ ފުށުން އިސްލާމްދީން މަތިވެރިވާ ކަމަށް ބުނެ ސައޫދީ އާއި މިސުރުގެ ސަރުކާރުން ސަލާހަށް ގިނަ އިނާޔަތްތަކެއް ދޭން ވަނީ މަޝްވަރާކޮށްފައެވެ. ސަލާހްގެ އަންހެން ދަރިފުޅުގެ ނަމަކަށް ކިޔާފައިވަނީ މައްކާއެވެ.

އަނިޔާއިން ސަލާމަތްވެ މިފަހަރުގެ ވަރލްޑްކަޕްގައި މިޞްރު ކުޅޭ ފުރަތަމަ މެޗުގައި އުރުގުއާއީއާ ދެކޮޅަށް އޭނާ ކުޅޭނެއެވެ.