ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދުގެ މައްޗަށް އިއްވި ޙުކުމާއި ގުޅިގެން އިންޑިއާ ސަރުކާރުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ރައްދުދީފިއެވެ.
އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ ކަމަށާއި، ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް ވާހަކަ ދައްކައިގެން ކަންކަން ޙައްލު ކުރުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ގޮވާލަމުން ދަނިކޮށް ކުރީގެ ރައީސް މައުމޫނާއި ދެ ފަނޑިޔާރުން ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވަނީ އިންސާފުވެރި ޝަރީޢަތަކާ ނުލާ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ ބަޔާނަށް ރައްދު ދެއްވާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ރާއްޖޭގައި ޤާނޫނުގެ ޙުކުމް ތަންފީޒު ވެގެންދާކަމާއި، ޢަމަލު ކުރެވެމުންދަނީ ޖިނާޢީ ޢަދުލުގެ ނިޒާމުގެ އުޞޫލުތަކާއި އެއްގޮތައް ޤާނޫނޫތަކާއި ޤާނޫނޫ ޢަސާސީއަށް ކަން ދިވެހި ސަރުކާރުން ކަށަވަރު ކޮށްދޭ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ރާއްޖޭގެ ޤާނޫނީ ނިޒާމު ނެގެހެއްޓުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި، ޖިނާޢީ މައްސަލަތަކުގެ ޝަރީޢަތްތައްވެސް ކުރިއަށްދަނީ ޤާނޫނު ޢަސާސީ އާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބުނެފައެވެ.