ޚަބަރު

ރިޔާސީ އިންތިޚާބު މޮނިޓަރ ކުރަން ބޭރުގެ މީޑިއާތަކަށް ހުޅުވާލައިފި


ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރަން ޝައުގުވެރިވާ މީޑީއާތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް، އިލެކްޝަންސް ކޮމިޝަނުން ޢާއްމު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ އެންމެހާ ކަންކަން ކަވަރުކުރުމަށްޓަކާ މޮނިޓަރުންނަށްވުމުގެ ފުރުޞަތު ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ މީޑިއާއަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ 16:00 އާ ހަމައަށް މޮނިޓަރުންގެ ގޮތުގައި ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ބައިނަލްއަޤުވާމީ މީޑިއާއަށް ވެސް މޮނިޓަރުންގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ހުޅުވާފައެވެ. އެގޮތުން އެފަދަ މީޑިއާއަކުން މޮނިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ މީހަކު ނަމަ އެ މީހަކީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުކޮށްދިނުމުން އެމީހަކަށް މޮނިޓަރެއްގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ހުއްދަ ދޫކުރާނެކަމަށްވެސް މި އިއުލާނުގައި ބުނެފައިވެއެވެ.
އަދި މޮނީޓަރަކަށް ވުމަށް އެދޭ މީހަކީ ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް މި އިޢުލާނުގައި ބުނެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް ފާސް ދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ދިހައެއް އިންސައްތަ އިތުރުނުވާ ގޮތަށް ކަމަށެވެ. އަދި އެ ޢަދަދަށްވުރެ އިތުރުވާ ފޯމުތައް ބާޠިލުވާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން ވަނީ މިކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ. މި އިންތިޚާބަކީ ދުނިޔެއަށް އެންމެ ބޮޑަށް ހުޅުވާލެވިގެން ބާއްވާ ރިޔާސީ އިންތިޚާބަށް ވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ.