ޚަބަރު

ޔޫތު މިނިސްޓްރީގެ ޢީދު ހަދިޔާ - ވޯރލްޑްކަޕް ބެލުމަށް 60 ޕްރޮޖެކްޓަރު


ފިޠުރު ޢީދުގެ ހަދިޔާއެއްގެ ގޮތުން ޔޫތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ފަސްދޮޅަސް ޒުވާނުންގެ މަރުކަޒަކަށް ޕްރޮޖެކްޓަރު ޙަވާލުކޮށްފިއެވެ.

ވޯރލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ މެޗުތައް ބެލުމަށް ޔޫތު މިނިސްޓްރީން ރާއްޖޭގެ އެކި ރަށްތަކަށް ޕްރޮޖެކްޓަރު ފޮނުވާފައިވާއިރު، މިނިސްޓްރީން ވަނީ ބައެއް ޔޫތު ސެންޓަރުތަކަށް ޖިމް ސާމާނުވެސް ފޯރުކޮށްދީފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ރައީސް ޔާމީނުގެ ޒުވާނުންގެ މެނިފެސްޓޯ ތަންފީޒުކުރުމަށް މިނިސްޓްރީގެ ފަރާތުން މިވޭތުވި ހަތަރު އަހަރާއި ބައިގެ ތެރޭގައި ނުވަދިހަ އިންސައްތަ ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން ޒުވާނުން ވޯލްޑްކަޕްގެ މެޗުތައް ބެލުމަށް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ޞަރަޙައްދުތަކަށް ޕްރޮޖެކްޓަރު ފޮނުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައުމާއެކު ޒުވާނުންގެ ކުރިމަގަށް، ޒުވާނުންގެ އުންމީދުތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށާއި ސަރުކާރުން ހިންގަމުންދާ ޒުވާނުންގެ މަރުކަޒުތަކަކީ އެކަމުގެ ރަމްޒެއް ކަމަށެވެ.

ރައީސް ޔާމީނުގެ ޒަޢާމަތުގައި މުޅިން އަލަށް ސައުވީސް ޒުވާނުންގެ މަރުކަޒުގެ ޙިދުމަތް ދޭން ވަނީ ފެށިފައި. ހަތް ޒުވާނުންގެ މަރުކަޒެއް ހުޅުވުމަށް މިހާރު މިވަނީ ތައްޔާރުވެފައި. އަދި މި އަހަރު ނިމުމުގެ ކުރިން އިތުރު ހަތަރު ޒުވާނުންގެ މަރުކަޒު ހުޅުވިގެންދާނެ. އެތަންތަނަށް ބޭނުންވާ ކުޅިވަރުގެ ގިނަ ސާމާނުތައް މިދަނީ ފޯރުކޮށްދެމުން." މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ މިހާތަނަށް 80 ފުޓްސަލް ދަނޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައެވެ. އަދި 101 ފުޓްސަލް ދަނޑުގެ މަސައްކަތް ކުރަމުން އަންނައިރު، 83 ވޮލީކޯޓެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި 23 ވޮލީ ކޯޓުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިނިސްޓަރ ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ގިނަ ޞަރަޙައްދެއްގައި ޒުވާނުންގެ ކުރިއެރުމަށާއި ކުޅިވަރަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަމަށްވެސް ވިދާޅުވެފައެވެ.