ޚަބަރު

މިއަހަރުގެ ބައިބަލާ މުބާރާތް މިމަހުގެ 17 ވަނަ ދުވަހު ފަށަން ނިންމައިފި


މިއަހަރުގެ ބައިބަލާ މުބާރާތް މިމަހުގެ 17 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
މިއަހަރުގެ ބައިބަލާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބު ޓީނޭޖާއި ކްލަބު ވޯންޓެޑް ބައްދަލުކުރާ މެޗުންނެވެ.

ފިތުރު ޢީދާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބައިބަލާ މުބާރާތުގައި މިއަހަރު ޖުމްލަ 32 ޓީމެއް ވަނީ ބައިވެރިވެފައެވެ.

ފާއިތުވި އަހަރުގެ ރަނަރަޕް ޓީމު ކަމަށްވާ އޮއިހާ ސްޕޯޓްސް ކްލަބު މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ނުވާއިރު، ގިނަ ކްލަބުތަކުން ވަނީ މި ކުޅިވަރުގެ މޮޅެތި ކުޅުންތެރިން އެކި ޓީމުތަކަށް ގެންގޮސްފައެވެ. އެގޮތުން ފާއިތުވި ދެ އަހަރުގެ މިސްޓަރ ބައިބަލާ އަސްލަމް ވަޙީދު ކްލަބު ޓީނޭޖަށް ގެންގޮސްފައިވާއިރު، ބުރު ސްޕޯޓްސް ކްލަބުންވެސް ވަނީ އެޓީމު ވަރުގަދަ ކުރުމަށް ތަފާތު މޮޅު ކުޅުންތެރިން ގެންގޮސްފައެވެ.

މިއަހަރުގެ މުބާރާތުގައި މުޅިން އަލަށްވެސް ޓީމުތައް ބައިވެރިވެފައިވާއިރު، ހުރިހާ ޓީމުތަކަކުންވެސް ހުނަރުވެރި ޒުވާން ކުޅުންތެރިން ފެނިގެންދާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެއެވެ.

މާފަންނު ސްޓޭޑިއަމްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސްޕޮންސަރުންނަކީ މޯލްޑިވް ގޭސް، ދިރާގު، ޕީއެސްއެމް އަދި ގްރޭޓަރ މާލެ އެވެ.