ކުޅިވަރު

ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖުގައި ނިއު އެޑިޝަންވެސް ބައިވެރިވެއްޖެ


ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖެގެ އެސޯސިއޭޓް ޕާޓްނަރ ނިއު އެޑިޝަންއާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ ޑިރެކްޓަރ އޮފް މާކެޓިންގް އެންޑް އީ ކޮމާސް އިބްރާހިމް ނަސްރީނެވެ. ރާއްޖެއަށް ނޯޓް ކޮސްމެޓިކްސް އެތެރެކޮށް ވިއްކާ ނިއު އެޑިޝަނުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ ނޯޓް ކޮސްމެޓިކްސްގެ ބްރޭންޑް މެނޭޖަރ އަހުމަދު ޝިޔާމެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޑިރެކްޓަރ އޮފް މާކެޓިންގް އެން އީ ކޮމާސް އިބްރާހިމް ނަސްރީން ވަނީ ޕީއެސްއެމް ވޯލްޑްކަޕް ކަވަރޭޖަށް އިތުބާރު ކުރައްވާ މި ކަވަރޭޖް ގެނެސްދިނުމަށް ނިއުއެޑިޝަނުން ޕީއެސްއެމްއާ ޕާޓްނަޝިޕް ހެއްދެވީތީ ނިއު އެޑިޝަނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ނަސްރީން ވިދާޅުވީ އާންމުންނާއި ވީހާވެސް ބޮޑަށް ފައިދާ ވާގޮތަށް، އާންމުން ބައިވެރި ކުރެވިގެން ކުރިއަށް ގެންދާ މިކަވަރޭޖްގައި ނިއުއެޑިޝަންގެ ފަރާތުންވެސް ގިނަ އިނާމްތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. ހަމައެއާއެކު ޕީއެސްއެމްއާ ނިއު އެޑިޝަން ގުޅިގެން މި ވޯލްޑްކަޕާ ރައްޔިތުން ގުޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށްވެސް ނަސްރީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސްޓޫޑިއޯއަށް ވަޑައިގެން އަޅުގަނޑުމެންގެ ސްޓޫޑިއޯ ގަ ހިނގާ ކަވަރޭޖްގަ ބައިވެރިވާ ބޭފުޅުންނަށް ވަރަށް ބައިވަރު އިނާމްތަކެއް އަޅުގަނޑުމެން ލަކީޑްރޯ ގޮތުގަ ދޫކުރަމުންދާނަން، މިގޮތުން ނިއު އެޑިޝަންގެ ފަރާތުންވެސް އަޅުގަނޑުމެންގެ އޯޑިއެންސް އެންގޭޖް ކުރުމަށްޓަކާ ވަރަށްބައިވަރު ހަދިޔާތަކެއް ޑިސްޓްރިބިއުޓް ކުރެވެމުން ދާނެ، އަދި އެކި ގޮތްގޮތުން އެސްއެމްއެސް ކޮށްގެންނާ އަދި ހަމަ ސްޓޫޑިއޯއަށް ވަޑައިގެން. އެހެންވީމަ މި ފުރުސަތުގަ ނިއު އެޑިޝަންއާ އެއްކޮށް ޕީއެސްއެމްގެ ކަވަރޭޖާ އެއްކޮށް މުޅި ރައްޔިތުން ވޯލްޑްކަޕާ ގުޅުވާލުމަށްޓަކާ ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ޕީއެސްއެމް އިން މިއޮތީ ފުރިހަމައަށް ތައްޔާރަށް" ނަސްރީން ވިދާޅުވިއެވެ.

ނިއު އެޑިޝަންގެ ފަރާތުން ސޮއިކުރެއްވި ނޯޓް ކޮސްމެޓިކްސްގެ ބްރޭންޑް މެނޭޖަރ އަހުމަދު ޝިޔާމް ވިދާޅުވީ ވޯލްޑްކަޕްގައި ޕީއެސްއެމަކީ ރައްޔިތުންނަށް ވަރަށް ހާއްސަ ފަރާތެއްކަމަށާއި މި ފަހަރުގެ ކަވަރޭޖްވެސް ރައްޔިތުންނަށް ފައިދާ ވާގޮތަށް ޕީއެސްއެމްއިން ގެނެސްދޭނެކަމަށް އުންމީދުކުރާ ކަމަށެވެ. ހަމައެއާއެކު މި ފަހަރުގެ ވޯލްޑްކަޕްގެ ފޯރިއާއި މަޖާ، ޕާޓްނަރުންގެ ބައިވެރިވުމާއެކު ގެނެސްދެވޭނެ ކަމުގެ ޔަގީންކަންވެސް ޝިޔާމް ދެއްވިއެވެ.

"ޕީއެސްއެމް އަކީ ދިވެހިންގެ ވޯލްޑްކަޕްގެ ވަރަށް ހާއްސަ ބައިވެރިއެއް، ހާއްސަކޮށް އަޅުގަނޑުމެން މި ފާހަގަކުރާ ފުޓުބޯޅަ ފޯރި، އަދި އޭގެ އިތުރުން ދިވެހިންނާ ގުޅޭ ވަރަށް މަޖާ ގޮތަކަށް ޕްރީ ޝޯ ތަކާ އެއްޗެހި ގެނެސްދީގެން މިދަނީ، އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ މި ފަރާތުން އަޅުގަނޑުމެންނަށްވެސް އަދި ޕީއެސްއެމްއަށްވެސް އަދި ހާއްސަކޮށް ދިވެހިންނަށްވެސް ވަރަށް ފައިދާހުރި ގޮތަކަށް މިކަން ވެގެންދާނެ ކަމަށް" ޝީޔާމް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ވޯލްޑްކަޕް ކަވަރޭޖްގައި ބައިވެރިވުމުގެ ފުރުސަތު ސްޕޮންސަރުންނަށް އަދިވެސް އެ ފުރުސަތު ހުޅުވިފައިވާކަމަށް ޕީއެސްއެމުން ހާމަކުރެއެވެ.