ފުދުންތެރިކަން ނެތް ފަރާތްތަކަށް ޒަކާތު ފަންޑުން ބޭސް ފަރުވާގެ އެހީދިނުމުގެ ޤަވާއިދު ޢާންމުކޮށްފިއެވެ.
މި އުޞޫލުގެ މަޤުޞަދަކީ ދިވެހި ރައްޔިތުންގެ ތެރެއިން އާސަންދައިން ނުވަތަ އެނޫން ގޮތަކުން ވެސް އެހީ ނުލިބޭ ނުވަތަ ލިބޭ އެހީއަކުން ނުފުދޭ ފަރާތްތަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި އުޞޫލުގެ ތެރެއިން އެހީލިބޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑްމިޓް ނުވެ، އާސަންދައިން ނުވަތަ އެނޫން ގޮތަކުން ވެސް އެހީ ނުލިބޭ ނުވަތަ ލިބޭ އެހީއަކުން ނުފުދޭ ފަރާތްތަކާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ ތެރެއިން ބޭސްފަރުވާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އާސަންދައިން އެހީ ނުލިބޭ ނުވަތަ ލިބޭ އެހީއަކުން ނުފުދޭ ފަރާތްތަކާއި، ފުރާނައަށް ނުރައްކާ ވާ ޙާލަތުގައި އަތޮޅުތެރޭގެ ރަށްތަކުން މާލެއަށް ގެންނަންޖެހޭ ބަލިމީހުންގެ އިތުރުން ރާއްޖެއިން ފަރުވާ ލިބެން ނެތް ބަލިތަކަށް ބޭސްފަރުވާކުރުމަށް އެދޭ ފަރާތްތަށެވެ.
ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ ބަލިތަކުގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހުރިހާ ބާވަތެއްގެ ހިތުގެ ބަލިތަކާއި، ކެންސަރާއި ޓިއުމަރގެ ހުރިހާ ބާވަތެއްގެ ބަލިތަކާއި، ހުޅުބަދަލުކުރުމާއި، ތައިރޮއިޑް، އަދި ކިޑްނީގެ ހުރިހާ ބަލިތަކާއި، ލޮލުގެ އެންމެހާ ފަރުވާތަކުގެ އިތުރުން ބޯންމެރޯ ހެދުމާއި ޢާންމު އެހެނިހެން ބަލިތައްވެސް ހިމެނެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑްމިޓް ނުވެ ބޭސްފަރުވާ ކުރުމަށް އެދޭ ފަރާތްތަކަށް އެހީދިނުމަށް ހަމަޖެހިފައިވަނީ ޒަކާތު ކޮމެޓީން ނިންމާގޮތެއްގެ މަތިން މީހަކަށް ފަހަރު 25000 (ފަންސަވީސް ހާސް) ރުފިޔާއަށް ވުރެ މަތި ނުވާގޮތަށެވެ. ނަމަވެސް ހުށަހެޅޭ މައްސަލައަށް ރިޢާޔަތްކޮށް އެހީގެ ޢަދަދު އިތުކުރުމާއިމެދު ގޮތެއް ނިންމިދާނެކަމަށްވެސް ޒަކާތު ފަންޑުން ބޭސް ފަރުވާގެ އެހީދިނުމުގެ ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން މިފަންޑުން އެހީދިނުމުގައި ޚާއްޞަ ބަލިތަކުގެގޮތުގައި ފާހަގަކޮށްފައިވާ ބަލިތަކަށް ޑޮކްޓަރުގެ ލިޔުންތަކަށް ބަލައި އެހީދިނުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 50،000 (ފަންސާސް ހާސް) ރުފިޔާއެވެ. މީގެ އިތުރަށް އެހީ ބޭނުންވެއްޖެ ނަމަ އެއެހީއެއް ދޭނީ ޒަކާތުފަންޑުގެ މަޝްވަރާގެ މަތިން އިސްލާމިކް މިނިސްޓަރުކަމަށްވެސް ޒަކާތު ފަންޑުން މައުލޫމާތުދެއެވެ.
ފުދުންތެރިކަން ނެތް ފަރާތްތަކަށް ޒަކާތު ފަންޑުން ބޭސް ފަރުވާގެ އެހީއަށް އެދެން ޖެހެނީ އިސްލާމިކް މިނިސްޓްރީން ދޫކުރާ ފޯމެއް މެދުވެރިކޮށްނެވެ. މި ފޯމް އިސްލާމިކް މިނިސްޓްރީންނާއި އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ޒަކާތު ފަންޑުން މައުލޫމާތުދެއެވެ.