ވިޔަފާރި

ކުންމިންގ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ފަސް ވަނަ ޗައިނާ - ސައުތު އޭޝިއާ އެކްސްޕޯ، ކުންމިންގ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިމަހުގެ ވިހިވަނަ ދުވަހުގެ ނިޔަލަށް ޑިއާންޗީ އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގައި ކުރިއަށްދާ މި ފެއަރގައި ދުނިޔޭގެ އަށްޑިހަ ހަ ޤައުމަކުން އަށްހާސް ފަސްސަތޭކައަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ، ކުންމިންގެ ސިޓީގައި އަހަރަކު އެއްފަހަރު ބާއްވާ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ ނުވަތަ ކުންމިން ފެއަރއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާކުރުމާއި، އެއްތަނަކުން އެކި ޤައުމުތަކުގެ އުފެއްދުންތައް ވިއްކުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފެއާރއެކެވެ.

މިފަހަރުގެ ކުންމިން ފެއަރގައި ރާއްޖޭގެ ފަރާތުން އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤްއެވެ. މިފެއަރއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤު ވިދާޅުވީ މިފަދަ ފޯރަމްތަކަކީ ދިވެހި އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރެ އެހެން ޤައުމުތަކުގެ ވިޔަފާރިވެރިންނާވެސް ބައްދަލުކުރުމަށް މިއީ ރަގަޅު ފުރުސަތެއް ކަމަށެވެ.

"ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ފޯރަމްތަކުގައި ދިވެހި ރާއްޖޭގެ ވިޔަފާރިތަކާއި ރާއްޖޭގެ އުފައްދާ ތަކެތި ބައިވެރިކުރުމަކީ ވަރަށް މުޙިއްމު ކަމެއް ކަމަށް ދެކެން، އެގޮތުން މިފަދަ ފޯރަމްތަކުގައި ގިނައިން ބައިވެރިވުމާއި އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި އުފެއްދުންތަކާއި އުފެއްދުންތެރިންނާއި ބައްދަލުވެ އެކި ފަރާތްތަކުގެ މަޝްވަރާ ހޯދުމަކީ ވަރަށް މުޙިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން މި ދެކެނީ"

ތައުފީޤު ވިދާޅުވިއެވެ.

މިއަހަރުގެ ކުންމިންގ ފެއަރގައި ރާއްޖެއިން ބައިވެރިވެފައިވަނީ އެންމެ ފަރާތަކުންނެވެ. ތައުފީޤު ވިދާޅުވީ ފެއަރ ބާއްވާ ތާރީޚު ރޯދަމަހުގެ ދުވަސްތަކާއި ދިމާވާތީ ފެއަރއަށް އަންނަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންގެ ޢަދަދު މަދުވާ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ފެއަރ ކުރިއަށްދާނީ ރޯދަމަހަށް ފަހުކަމުން ދިވެހި ގިނަ ޢަދަދެއްގެ ވިޔަފާރިވެރިން ފެއަރއަށް އަންނާނެކަމަށް އުންމީދު ކުރާކަމަށް ތައުފީޤު ވިދާޅުވިއެވެ.
މިއަހަރުގެ ފެއަރގައި ރާއްޖެއިން ބައިވެރިވެފައިވަނީ ރާއްޖޭގައި ސްވެނިއަރ ވިޔަފާރިކުރާ "ޓިޕިކަލް ސުވެނިއަރސް"ގެ ފަރާތަކުންނެވެ. އެ ކުންފުނީގެވެރިޔާ އިބްރާހީމް ޝަރީފް މި ފެއަރގައި ބައިވެރިވާ މިއީ ތިންވަނަ އަހަރެވެ. ޝަރީފް ހާމަކުރައްވާގޮތުން މި ފެއަރއަކީ ވަރަށް ކާމިޔާބު ފެއަރއެކެވެ. އަދި ރަގަޅު ފައިދާއެއް ފެއަރ މެދުވެރިކޮށް ލިބޭ ކަމަށްވެސް ޝަރީފް ފާހަގަކުރައްވައެވެ.

"ރާއްޖެ ތަމްސީލްކުރަން ގިނަ ބަޔަކު އަންނަން އެބަ ޖެހޭ، އެހެން ޤައުމުތަކުންވެސް އެހާ ގިނަ ޢަދަދެއްގެ ބަޔަކު މިފެއަރގައި ބައިވެރިވަނީ ފައިދާ ވާތީތާ، އަންނަ އަހަރުގެ ފެއަރގަވެސް ބައިވެރިވާ ގޮތަށް މި ހުރީހަމަ"

ޝަރީފް ވިދާޅުވިއެވެ.

މިއީ ކުންމިން ފެއަރގައި ރާއްޖެއިން ބައިވެރިވި 3 ވަނަ އަހަރެވެ. މި ފެއަރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ސްޓޯލްތައް ދޫކުރަނީ މުޅިން ހިލޭއެވެ.