ޚަބަރު

ޓްރެވެލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން އަންނަ ބުދަ ދުވަހު ލޯންޗްކުރަނީ


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އިޕަރޭޓާރސް (މަޓާޓާއިން) މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަން އަންނަ ބުދަ ދުވަހު ލޯންޗްކުރާނެކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ ފަރާތްތަކެއްގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. ޓްރެވެލް އެވޯޑްސްގެ ބައެއްގެ ގޮތުގައި ޕީޕަލްސް އެޑިޝަން ތައާރަފްކޮށް މި އެވޯޑް ދޭންފަށާފައިވަނީ މިދިޔަ އަހަރުއެވެ.

މިދިޔަ އަހަރު 10 ފަރާތަށް މި އެވޯޑް ދީފައިވާއިރު މިއަހަރު އެވޯޑް ދޭނީ 5 ފަރާތަކަށްކަމަށް މަޓާޓޯއިން މައުލޫމާތުދެއެވެ. އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ ފަތުރުވެރިކަމުގެ އެކި ދާއިރާތަކުގައި ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކެއްގެ މައްޗަށް އެކުލެވޭ ޖަޖިންގ ޕެނަލަކުންނެވެ.

މިއަހަރުގެ ޕީޕަލްސް އެޑިޝަން ރަސްމީކޮށް އިފްތިތާހްކުރާނީ އަންނަ ބުދަ ދުވަހު ވަން އެންޑް އޮންލީ ރީތިރަށުގައި ބާއްވާ ޙާއްސަ ހަފްލާއެއްގައެވެ.

ވަން އެންޑް އޮންލީ ރީތިރަށަކީ ލަގްޒަރީ ފެންވަރަށް ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މޯލްޑިވްސް ޓްރެވެލް އެވޯޑްސް 2017 ގެ ލީޑިންގ ފެމިލީ ރިސޯޓާއި، ލީޑިންގ ފުޑް އެންޑް ބެވަރޭޖް ރިސޯޓްގެ އިތުރުން ލީޑިންގ ހިޔުމަން ރިސޯސް މެނޭޖްމަންޓްގެ އެވޯޑްވެސް މި ރިސޯޓުން ވަނީ ކާމިޔާބުކޮށްފައެވެ.