ޚަބަރު

ފޮރިން މިނިސްޓަރ އާސިމް ޖަޕާނަށް ފުރާވަޑައިގެންފި


ފޮރިން މިނިސްޓަރ ޑރ މުޙައްމަދު އާސިމް ރަސްމީ ދަތުރު ފުޅެއްގައި ޖަޕާންއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރގެ މިދަތުރުފުޅުގައި ޖަޕާނުގެ އިސްވެރިންނާ ބައްދަލުކުރައްވާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އެގޮތުން ޖަޕާންގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯއާއި އެ ޤައުމުގެ އެންވައިރޮންމަންޓް މިނިސްޓަރ މަސަހަރޫ ނަކަގަވާގެ އިތުރުން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ)ގެ ރައީސް ޝިނިޗީ ކިޓައޯކާއާ ފޮރިން މިނިސްޓަރ އާސިމް ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ޖަޕާން މޯލްޑިވްސް ފްރެންޑްޝިޕް ލީގުގެ ރައީސް ވަޓަރޫ ޓަކަޝީތާއާއި ބައްދަލުކުރައްވާ ދެ ޤައުމުގެ ގުޅުން އަދި ވަކިން ޚާއްޞަކޮށް ދެ ޤައުމުގެ ދޭދޭ ފަރުދުންގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތން މަޝްވަރާކުރުމަށް ހަމަޖެހިފަވެއެވެ.

ފޮރިން މިނިސްޓަރ އާސިމް ޖަޕާނަށް ކުރަށްވާ މި ދަތުރުފުޅުގައި މޯލްޑިވްސް ޖަޕާން ޑައިލޮގުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީއިން، ޓްރެވަލް ޓްރޭޓް މަންދޫބުންނަށް އަމާޒުކޮށް ބާއްވާ ސެމިނާގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފޮރިން މިނިސްޓަރގެ މިދަތުރުފުޅުގައި އެމަނިކުފާނާއިއެކު ސެކްރެޓަރީ ބައިލެޓަރަލް އަޙުމަދު ޚަލީލުގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު ފަޒީލް ބައިވެރިވެވަޑައިގަންނަވައެވެ.