ޚަބަރު

ސިއްރުހެކި ދިނުމާއި ސިއްރުހެކި ނެގުމުގައި ޢަމަލުކުރަނީ ޤާނޫނާ އެއްގޮތަށް - ފުލުހުން


ސިއްރުހެކި ދިނުމާއި ސިއްރުހެކި ނެގުމުގައި ފުލުހުން އަބަދުވެސް އަމަލުކުރަނީ ޤާނޫނާއި ޤަވާޢިދުގެ ދަށުންކަމަށާ މިކަމުގައި ފުލުހުން އަދާކުރާ ދައުރާމެދު ޢާންމުންނަށް އޮޅޭގޮތަށް ފަތުރަމުންދާ ވާހަކަތަށް މިހާރުން މިހާރަށް ހުއްޓާލުމަށް ފުލުހުން ގޮވާލައިފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ފަހަކަށްއައިސް ފުލުހުން ސިއްރު ހެކި ނެގުމާއި ސިއްރު ހެކި ދިނުމުގައި އަދާކުރާ ރޯލާމެދު ސުވާލު އުފެދޭފަދަ މޭރުމަކުން ބައެއްފަރާތްތަކުން ވާހަކަދައްކަމުން ދާކަމަށެވެ. މިފަދަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަން ހާމަކުރައްވަމުން ޝިފާން ވިދާޅުވީ ޙަޤީޤަތާއި ޚިލާފަށް ދައްކާ މިފަދަ ވާހަކަތަށް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭކަމަށެވެ.

ޝިފާން ވިދާޅުވީ ފުލުހުން މިފަދަ ފިޔަވަޅުތަކެއް އަޅަނީ ހެކިބަސް ދޭފަރާތުގެ ރައްކަލަކަށް ކަމަށާއި ސިއްރު ހެކިބަސް ދިނުމަކީ އަލަށް ރާއްޖޭގައި ކުރާކަމެއް ނޫންކަމަށެވެ. އެގޮތުން ޖިނާއި އިޖުރާއަތުގެ ޤާނޫނޫނުގެ 149 ވަނަ މާއްދާގެ ދަށުން ހެކި ރައްކާތެރިކުރުމަކީ ފުލުހުންގެ މައްޗަށް ވާވަޖިބެއްކަން ޝިފާން ފާހަގަކުރެއްވެވިއެވެ.