ޚަބަރު

ޢީދުނަމާދުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތް


މާލެއާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭގޮތަށް 4 ސަރަޙައްދެއްގައި ބޮޑުޖަމާޢަތުގައި ޢީދުނަމާދުކުރުމުގެ އިންތިޒާމް އިސްލާމިކް މިނސްޓްރީންވަނީ ހަމަޖައްސާފައެވެ.

އިސްލާމިކް މިނިސްޓްރީން މިހާރުމިވަނީ މާލޭގައި ބޮޑުޖަމާޢަތުގައި ނަމާދުކުރާ ސަރަޙައްދުތައްކަމަށްވާ އިސްލާމީ މަރުކަޒު ސަރަޙައްދާއި، ސްޓޭޑިއަމް ސަރަޙައްދުގައި ނަމާދުކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތުގެ މަޢުލޫމާތު ޙިއްސާކޮށްފައެވެ. އިސްލާމީ މަރުކަޒު ސަރަޙައްދުގައި އިމާމުވެ ޢީދު ނަމާދުކުރާނީ އައްޝައިޙް މުޙައްމަދު ރަޝީދް އިބްރާހީމް ރަޝީދެވެ. މާލެ ދެކުނުފަރާތު ސްޓޭޑިއަމްގައި އިމާމުވެ ނަމާދުކުރާނީ އަޝައިޙް މުޙައްމަދު ލަތީފެވެ.

އިސްލާމީ މަރުކަޒު ސަރަޙައްދާއި، ސްޓޭޑިއަމް ސަރަޙައްދުގައިވެސް އަންހެނުންނާއި ފިރިހެނުން ނަމާދުކުރުމަށް ވަނީ ވަކިޚާއްސަ ސަރަޙައްދުތައް ކަނޑައަޅާފައެވެ. ސްޓޭޑިއަމް ސަރަޙައްދުގައި އަންހެނުން ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ޣިޔާސުއްދީން ސުކޫލާ ވީފަޅިން ސްޓޭޑިއަމް ތެރޭގައެވެ. އަދި ފިރިހެނުން ނަމާދުކުރުމަށް ހަމަޖެހިފައިވަނީ އިސަކަންދަރުކޮށި ކުރިމަތިން އޮންނަ ސްޓޭޑިއަމް ސަރަޙައްދުގައެވެ. މި ސަރަޙައްދަށް ނަމާދައްއަންނަ ފަރާތްތަކުގެ އުޅަނދުތައް ޕާކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ބާސްކެޓް ކޯޓު ފުރަގަހުގައި އޮންނަ ފުޓުބޯޅަކުޅޭ ބިމުގައެވެ. ޢީދު ނަމާދުވަގުތު މި ސަރަޙައްދައް އުޅަނދުތަކަށް ވަދެވޭނީ ބޮޑުތަކުރުފާނުމަގުން އަމީނީމަގާ ވީކޮޅަށެވެ.

އިސްލާމީ މަރުކަޒު ސަރަޙައްދުގައި އަންހެނުން ނަމާދުކުރާނީ ރަސްރަނި ބަގީޗާއާ ވީފަޅީގައި މިސްކިތުން ބައެއް ހިމެނޭގޮތަށެވެ. އަދި ފިރިހެނުން ނަމާދުކުރާނީ ޖުމްހޫރީ މައިދާނާ ވީފަޅީގައި އިސްލާމީ މަރުކަޒުން ބައެއް ހިމެނޭގޮތަށެވެ.
ބޮޑު ޖަމާޢަތުގައި ނަމާދުކުރާ ދެ ސަރަޙައްދުގައިވެސް ވުޟޫ ކުރެވޭނެ އިންތިޒާމާއި، ފަސްޓް އެއިޑްގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައްވެސްވަނީ ހަމަޖައްސާފައެވެ.

ނަމާދައްދާ ފަރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، މީހުން ތަރުތީބުކުރުކުރުމުގައި އެހީތެރިވެދޭނީ ފުލުހުންނާއި، ކެޑޭޓް، ސްކައުޓް އަދި ގަރލް ގައިޑުންނެވެ.
އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ބާއްވާ މި ހަރަކާތަކީ ސަރުކާރުގެ މުއައްސަސަތަކައި، ކުންފުނިތަކާއި، ބައެއް ދީނީ ޖަމްޢިއްޔާތަކެއް ގުޅިގެން ބާއްވާ ހަރަކާތެކެވެ. ހުޅުމާލޭގައި ޢީދު ނަމާދުކުރާނީ ސެންޓްރަލް ޕާރކްގައި، ވިލިމާލޭގައި ނަމާދުކުރާނީ ވިލިމާލޭ ބޯޅަދަނޑުގައެވެ.