ޚަބަރު

ނޫރައްދީން އިންވެސްޓްމެންޓް ޤުރުއާން މުބާރާތް ހުޅުމީދޫގައި ބާއްވައިފި


ނޫރައްދީން އިންވެސްޓްމެންޓުގެ 2 ވަނަ ޤުރުއާން މުބަރާތް ސ.އަތޮޅު މަދުރަސާގައި ބާއްވައިފިއެވެ.

މި ޤުރުއާން މުބާރާތަކީ ނޫރައްދީން އިންވެސްޓްމެންޓުން ސ.އަތޮޅު ހުޅުދުއާ މީދޫގައި ޤުރުއާން ކިޔަވާ، އަދި ޤުރުއާނުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޤުރުއާނަށް ލޯބިކުރާ ދަރިވަރުންނަށް ޢަމާޒުކޮށްގެން ބޭއްވި މުބަރާތެކެވެ.

މި މުބާރާތުގައި ސ.އަތޮޅު ހުޅުދުއާއި މީދޫގެ ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން އަމިއްލަ ގޮތުންވެސް ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތުގައި ޖުމްލަ 140 ދަރިވަރުން ބައިވެރިވިއެވެ. އޭގެތެރޭގައި ނުބަލާ ކިޔެވުމުގެ ގޮފިން 43 ދަރިވަރުންނާއި، ބަލައިގެން ކިޔެވުމުގެ ގޮފިން 97 ދަރިވަރުން ހިމެނެއެވެ. މި މުބާރާތުގެ ހުރިހާ ބައިވެރިންގެ ކިޔެވުންވެސް މިހާރުވަނީ ނިމިފައެވެ. 2 ދުވަހުގެ މުއްދަތަކަށް ބޭއްވި މި މުބާރާތުގެ ކިޔެވުން ކުރިއަށްގެންދިޔައީ 2 ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔާއި، ހިތުން ކިޔެވުމުގެ ބައެވެ.

މި މުބާރާތުގައި އެކި އުމުރުފުރާގެ ދަރިވަރުންވަނީ ބައިވެރިވެފައިވެއެވެ. އޭގެތެރެއިން ނުބަލާ ކިޔެވުމުގެ ގޮފިން 5 އަހަރުންދަށާއި، 7 އަހަރުންދަށާއި، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުންދަށާއި، 16އަހަރުން ދަށާއި އަދި 16 އަހަރުން މަތީގެ ދަރިވަރުން ބައިވެރިވިއެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން 5 އަހަރުން ދަށާއި، 7 އަހަރުން ދަށާއި، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށާއި، އަދި 16 އަހަރުން މަތީގެ ދަރިވަރުން ބައިވެރިވިއެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލް ޤާރީ އަޙްމަދު ތައުފީޤާއި، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އުސްތާޒު އަލް ޤާރީ ޢަބްދުﷲ މާޖިދާއި، އަލް އުސްތާޒާ ލަޠީފާ އަޙްމަދެވެ.

މި މުބާރާތުގައި ކޮންމެ އުމުރުފުރައަކުން ބަލައިގެން އަދި ނުބަލާ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމުގެ އިތުރުން މުޅި މުބާރާތުން ބަލައިގެން އަދި ހިތުން ކިޔެވުމަށް 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވާނެއެވެ. މީގެ އިތުރުން މުޅި މުބާރަތުން ބަލައިގެން އަދި ނުބަލާ 1 ވަނައަށް ހޮވޭ ދަރިވަރަކަށް ޢުމްރާ ދަތުރެއް ދިނުމުގެ އިތުރުން އިނާމާއި ހަދާނީ ލިޔުން ހަވާލުކުރެވޭނެއެވެ. އަދި މުޅި މުބަރާތުން 2 ވަނައަށް ހޮވޭ ދަރިވަރަކަށް ލެޕްޓޮޕް އަދި 3 ވަނައަށް ހޮވޭ ދަރިވަރަކަށް އައިޕެޑްގެ އިތުރުން އިނާމައި ހަދާނި ލިޔުން ހަވާލުކުރާގޮތައްވަނީ ހަމަޖެހިފައެވެ. އަދި އެކި އުމުރުފުރާތަކުން ވަނަވަނައަށް ހޮވޭ ދަރިވަރުންނަށްވެސް އިނާމައި ހަދަނީ ލިޔުން ހަވާލުކުރެވޭނެއެވެ.

މިފަދަ މުބާރާތްތަކަަށް ދަރިވަރުންނާއި ބެލެނިވެރިންގެ އެއްބާރުލުން ލިބެމުންދާ މިންވަރަށް ބަލައި، މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ކުރިއަށްއޮތް އަހަރުތަކުގައިވެސް މިފަދަ މުބާރާތްތައް ބާއްވާބެކަމަށް، މި މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.