ކުޅިވަރު

ރެއާލްމެޑްރިޑްގެ އާ ކޯޗަކަށް ސްޕެއިންގެ ޤައުމީ ޓީމްގެ ކޯޗު!


ސްޕެއިންގެ ކޯޗު ޔުލެން ލޮޕެތެގީ ޤައުމީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކުރިތާ މަހެއްވެސް ނުވަނީސް ރެއާލް މެޑްރިޑާ ގުޅެން އެއްބަސްވެއްޖެއެވެ.

ސްޕެއިންގެ ޤައުމީ ކޯޗު ލޮޕެތެގީ ރެއާލް މެޑްރިޑްގެ ހުސްވެފައިވާ ކޯޗު ކަމުގެ މަޤާމާއި ހަވާލުވާނީ ވޯލްޑް ކަޕް ނިމުމުން. ލޮޕެތެގީގެ ބެލުމުގެ ދަށުން ވޯލްޑް ކަޕްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުޅުންތެރިން ހަރަކާތްތެރިވަމުންދާއިރު ގިނަ ފަރާތްތަކަކުން ވަނީ ރެއާލްގެ މިނިންމުމާމެދު ފާޑުކިޔަން ފަށާފައެވެ.
ރެއާލް މެޑްރިޑުން ބުނީ ލޮޕެތެގީ ސްޕެއިން ޓީމަށް ވޯލްޑް ކަޕްގައި އިރުޝާދުދިނުމަށްފަހު ރެއާލް އާއި ގުޅޭނެ ކަމަށާއި، އޭނާ ވަނީ ކުރިއަށް އޮތް ތިން ސީޒަނަށް ރެއާލްގެ ކޯޗުގެ މަޤާމް އަދާކުރުމަށް އެއްބަސްވެފައި ކަމަށެވެ.
ގޯލްކީޕަރެއްގެ ގޮތުގައި ކުޅުމުގެ ދުވަސްތައް ހޭދަކުރި ލޮޕެތެގީ ވަނީ ރެއާލް މެޑްރިޑްގެ އިތުރުން ބާސެލޯނާއަށްވެސް ކުޅެފައެވެ.

ލޮޕެތެގީ ވަނީ ރެއާލް މެޑްރިޑްގެ ބީ ޓީމާއި ސްޕެއިންގެ 19 އަހަރުން ދަށާއި، އެކާވީސް އަހަރުން ދަށުގެ ޓީމުގެވެސް ކޯޗުގެ މަޤާމް އަދާކޮށްފައެވެ. މީގެއިތުރުން އޭނާ ސްޕެއިންގެ ކޯޗުގެ މަޤާމާ ހަވާލުވުމުގެ ކުރިން ހުރީ ޕޯޗުގަލްގެ ޕޯޓޯގައެވެ.