ތަރައްްޤީ

ވިންޓަރ ތީމް ޕާކަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ފުރިހަމަ ޕާކެއް - މިނިސްޓަރ މުޢިއްޒު


ރަސްރަނި ބަގީޗާގައި ތަރައްޤީކުރާ "ވިންޓަރ ތީމް" ޕާކަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ވަރަށްވެސް ފުރިހަމަ ޕާކެއްކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވިންޓަރ ތީމް ޕާކާއި ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިންޓަރ ތީމް ޕާކުގެ މެއިން ސްޓްރަކްޗަރއާއި، ފާރުތައް ޑިޒައިންކޮށްފައިވަނީ ސައުންޑް ޕްރޫފް އަދި ވޯޓަރ ޕްރޫފް ވާނޭހެން އެންމެފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންކަމަށެވެ. އަދި މި އިމާރާތުގެ ބޭރު ފަރުމާކޮށްފައިވަނީ އެލްމިނިއަމް ދަގަނޑު ބޭނުންކޮށްގެންކަން މިނިސްޓަރގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރަސްރަނި ބަގީޗާގައި ސަރުކާރުން ތަރައްޤީކުރާ ވިންޓަރ ތީމް ޕާކަކީ އާޓިފިޝަލް ސްނޯ އުފައްދާ މެޝިންތަކާއެކު، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ފިނި މޫސުމުގެ ތަޖުރިބާ ދިވެހިންނަށްވެސް ކޮށްލުމުގެ ފުރުޞަތު ލިބޭނޭހެން ތައްޔާރުކުރާ ޕާކެކެވެ. އަދި މިތަނަކީ ފިނިހޫނުމިން ވަކިވަރެއްގައި ކޮންޓްރޯލް ކުރެވޭނޭހެން ތައްޔާރުކުރާ ޕާކެކެވެ. މި ޕާކުގައި އައިސް-ސްކޭޓްކުރުމަށްޓަކައިވެސް ޙާއްޞަ ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ތަރައްޤީކުރާ ފުރަތަމަ ޕާކެވެ.

ވިންޓަރ ތީމް ޕާކަށް ބޭނުންވާ އިމާރާތް ޑިޒައިންކޮށް، ތައްޔާރުކޮށްފައިވަނީ ފަރަންސޭސިވިލާތާއި ސުވިޒަލޭންޑުގެ 2 ކުންފުންޏަކުން ރާއްޖެއައިސް، އެކަމަށް ބޭނުންވާ ސަރވޭ ކުރުމަށްފަހު ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ރާއްޖޭން ބޭރުން ޕްރީ-ފެބްރިކޭޓްކޮށްގެން ގެނެސްފައިވާ މި އިމާރާތް ރޭވުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށާފައިވަނީ މިދިޔަ މާރޗްމަހުގެ ތެރޭގައެވެ. އަދި ވިންޓަރ ތީމް ޕާކުގެ މަސައްކަތް ނިންމާ، އަންނަ ފިތުރު ޢީދު ދުވަހު މި ޕާކު ހުޅުވުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ހައުސިންގ މިނިސްޓްރީން މިހާރު އަންނަނީ ވަމުންނެވެ.