ކުޅިވަރު

ސަޕޯޓަރުންނާ ދެމެދު ގޯސްވެފައިވާ ގުޅުން މިހާރުގެ ޓީމަށް ރަނގަޅު ކުރެވިދާނެ: އިނގިރޭސި ކޯޗު


އިނގިރޭސި ޤައުމީ ޓީމާއި ސަޕޯޓަރުންނާ މެދުގައި އޮތް މާޔޫސްކަން މިހާރުގެ ޓީމަށް ބަދަލުކުރެވިދާނެ ކަމަށް ކޯޗު ގެރެތް ސައުތް ގޭޓް ބުނެފިއެވެ.

މާދަމާނޫން އަނެއް ދުވަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕުގައި ކުޅެން އިނގިރޭސި ޓީމު ޤައުމުން ފުރުމުގެ ކުރިން އެންމެ ފަހު ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން ސައުތްގޭޓް ބުނީ މިއީ ކުރީގެ ކަންކަން ބަދަލުކޮށްލާ ވަރުގެ ޒުވާން ޓީމެއް ކަމަށެވެ.

"އަހަންނަށް އެނގޭ ޓީމުގެ ސަޕޯޓަރުންނާ ދެމެދު މީގެ ކުރިން އޮތީ ރަނގަޅު ގުޅުމެއްނޫންކަން. ނަތީޖާ ގޯސްވަންޏާ ވާނީވެސް އެހެން. އެކަމަކު މި ޓީމަކީ އެކަންކަން ބަދަލުކޮށްލުމުގެ ޤާބިލްކަން ހުރި ޓީމެއް. ޒުވާން ޓީމުތައް ނެރޭ ނަތީޖާތަކުން އެންމެންވެސް އެތިބީ އުއްމީދުގައި. ޓީމު ކޮޅަށް ތިން ގޯލު ޖަހައިގެން ބަލިވާއިރު ވެސް ޓީމު މޮޅަށްކުޅެ، ރީތި ފުޓްބޯޅައެއް ކުޅުމަކީ ވެސް ސަޕޯޓަރުން ހިތްހަމަޖެހޭނެ ކަމެއް. އަހަރުމެންގެ އުއްމީދަކީ މިފަހަރު ކުރީ އަހަރުތަކަށްވުރެ ރަނގަޅު ނަތީޖާތަކެއް ހޯދުން،" ސައުތްގޭޓް ބުންޏެވެ.

1990 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ލިބިފައިނުވާއިރު އިނގިރޭސިން އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯއިން ކެޓީ އެ ޤައުމުގެ ގިނަ ބަޔަކު އުއްމީދުކުރި ވަރަށްވުރެ އަވަހަށެވެ.

"މި ޓީމުގެ އަމާޒަކީ މެޗު ބަލާފައި ޖެހިގެން އަންނަ ދުވަހު ހުރިހާ ސަޕޯޓަރުން ވެސް ހިތްހަމަޖެހިގެންތިބެ މަސައްކަތަށް ދާނެ ފަދަ ނަތީޖާތަކެއް ނެރުން. ފުޓްބޯޅަ ބަލަން ވަރަށް ގިނަ މީހުން ބޮޑު ހޭދައެއްކުރޭ. އެމީހުން މާޔޫސްވަމުންދިއުމަކީ ޓީމާމެދު އޮތް ގުޅުން ދުރުކޮށްދޭ ކަމެއް. ސަޕޯޓަރުންނާ ދެމެދު އޮތް ގުޅުން މިފަހަރު ރަނގަޅު ކުރެވިދާނެ،" ކޯޗު ބުންޏެވެ.

ވޯލްޑް ކަޕުގައި އިނގިރޭސިން ހިމެނެނީ ބެލްޖިއަމް އާއި ޕެނަމާ އަދި ޓިއުނީޝިއާއާއެކު ގްރޫޕް ސީގައެވެ.