ޚަބަރު

ކުންމިން ފެއަރގައި އެސްއެމްއީ ތަރައްޤީކުރުމަށް އޮތް ފުރުޞަތުތައް ބަލާނަން - އިކޮނޮމިކް މިނިސްޓްރީ


ޗައިނާގައި ބާއްވާ ސައުތު އޭޝިއާ އެކްސްޕޯ، ކުންމިން ފެއާރގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްޤީ ކުރެވޭނެ ގޮތްތައްބަލާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އަންނަ ބުރާސްފަތިދުވަހު ޗައިނާގެ ކުންމިންގައި ފަށާ ކުންމިން ފެއަރއާއި ބެހޭގޮތުން ވާހަކަދައްކަވަމުން މި ފެއަރގައި ބައިވެރިވާ ދިވެހި ވަފުދުގައި އިސްކޮށް ހަރަކާތްތެރިވާ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ، ފެއަރއަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް މިހާރު ވެނިމިފައިވާކަމަށެވެ. އަދި ފެއަރގެ ތެރެއިން ރާއްޖޭގެ ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި ޗައިނާގެ ވިޔަފާރިއާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށް ގުޅުން ބަދަހިކުރާނެކަމަށް ތަޢުފީޤް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން ބައިވެރިން އެމީހުންގެ އުފެއްދުންތައް ވިއްކާ މާކެޓް ހޯދުމުގެ މަސައްކަތް ކުރާނެކަމަށެވެ.

ކުންމިން ފެއަރގައި މިފަހަރު ރާއްޖޭގެ ފަރާތުން 4 ފަރާތެއް ބައިވެރިވާނެކަމަށް އެކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި 3 ފަރާތަކީ ދިވެހި އުފެއްދުންތެރިންކަމަށާއި އަދި ލޯކަލް ޓޫރިޒަމް އިޝްތިހާރުކުރުމަށް 1 ފަރާތަކުން ބައިވެރިވާނެއެވެ.

މިއީ ކުންމިން ފެއަރގައި ރާއްޖެއިން ބައިވެރިވާ 4 ވަނަ އަހަރެވެ. މިއަހަރުގެ ކުންމިން ފެއަރ އޮންނާނީ މިމަހުގެ 14 އިން 20 އަށް ޗައިނާގެ ކުންމިންގައެވެ. މި ފެއަރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ސްޓޯލްތައް ދޫކޮށްފައިވަނީ މުޅިން ހިލޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.