ބެލްޖިއަމްގެ ފޯވަޑް އެޑެން ހަޒާޑް މިވަގުތު މުޅިން ފިޓްނުވި ނަމަވެސް އޭނާއާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ކޯޗު މާޓިނޭޒް ބުނެފިއެވެ.
އޭނާ މިހެން ބުނީ ކޮސްޓަރިކާއަތުން 4-1 ން ރޭ ބަލެޖިއަމް މޮޅުވި މެޗުގައި ހަޒާޑް ދެއްކި ކުޅުމާމެދު ހިތްހަމަޖެހުން ފާޅު ކުރަމުންނެވެ.
"އޭނާ ފޭބީ މަރުވެފައިވާ ފަޔަކާއެކު ފަދައިން. އެކަމަކު އަހަރެން އެކަމާ ކަންބޮޑެއްނުވޭ. އޭނާއާ މެދު ފުރިހަމަ އިތުބާރު އެބައޮތް. އޭނާ އަކީ ވޯލްޑް ކަޕުގައި ކުޅޭނެ މި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ،" ކޯޗު ބުންޏެވެ.
ރޭގެ މެޗުގައި ބެލްޖިއަމްގެ ޑްރައިސް މާޓެންސް އާއި މިޝީ ބަޓްޝުއާއީ ގޯލު ޖެހިއިރު މެންޗެސްޗެސްޓާ ޔުނައިޓެޑުގެ ފޯވަޑް ރޮމެލޫ ލުކާކޫ ވަނީ ދެ ގޯލު ޖަހާފަ އެވެ.
ކޯޗު ބުނީ ފޯވަޑުން ލަނޑު ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، އޭނާގެ ޓީމު މާދަމާ ނޫން އަނެއް ދުވަހު ރަޝިޔާގައި ފަށާ މުބާރާތާ ކުރިމަތިލާނީ ފުރިހަމަ ޔަގީންކަމާއެކުގައި ކަމަށެވެ.
"އަހަރުމެންގެ ޓީމު މި އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި. އަހަރުމެން މުބާރާތަށް ތައްޔާރުވާން ކުޅުނު މެޗުތަކުގައި ޓީމުން ދެއްކި ކުޅުމާމެދު އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިފައި،" ކޯޗު ބުންޏެވެ.
ބެލްޖިއަމް ހިމެނެނީ އިންގްލޭންޑާ އެއް ގްރޫޕެއްގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ބެލްޖިއަމް ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ.