ޚަބަރު

އިންފުލުއެންޒާއާއި ރޯގާ ޖެހޭ މިންވަރު ދަށް، ނަމަވެސް އަދިވެސް ސަމާލުވޭ - އެޗްޕީއޭ


މާލެއާއި ބައެއް އަތޮޅުތަކުގައި ފެތުރެމުންދިޔަ އަރިދަފުސްރޯގާއާއި އިންފުލުއެންޒާ ޖެހޭ މިންވަރު މިހާރު ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ ހަފްތާގައި އަރިދަފުސް ރޯގާ ޖެހިގެން 6249 މީހުން ރިޕޯޓް ކޮށްފައިވާކަމަށެވެ. މިއީ ޢާންމުކޮށް އަރިދަފުސް ރޯގާއުޅޭ ނިސްބަތާ ވަރަށް ގާތް ޢަދަދެއްކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އިންފުލުއެންޒާއަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގާ އަދަދު މަދުކަމަށާއި ރޯގާ ފުރަތަމަ ފެތުރެގެންދިޔަ ހަފްތާގައި ނެގި 151 ސާމްޕަލްގެ ތެރެއިން 86 ސާމްޕަލް އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް މިއަދަދު ފާއިތުވި ހަފުތާގައި ވަނީ ދަށްވެފައެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާގައި އިންފުލުއެންޒާއަށް ޓެސްޓުކުރުމަށް 32 ސާމްޕަލް ނެގިއިރު އިންފުލުއެންޒާއަށް ޕްޒިޓިވްވީ 11 ސާމްޕަލްއެވެ.

އެޗްޕީއޭއިން ބުނީ އިންފުލުއެންޒާއިން ރައްކާތެރިވުމަށް އަހަރަކު އެއްފަހަރު އިންފުލުއެންޒާ ވެކްސިންޖެހުމަކީ މުހިއްމު ކަމެއް ކަމަށެވެ. މާލެއާއި އަތޮޅުތަކުން ވެކްސިން ލިބެންހުރިއިރު ގިނަ ބަޔަކު މިވެކްސސިން ޖެހުމަށާއި ޚާއްޞަކޮށް އިންފުލުއެންޒާ ޖެހިއްޖެނަމަ ނުރައްކާވުމުގެ ފުރުޞަތު ބޮޑު މީހުން ވެކްސިން ޖެހުމަށް ޙާއްޞަ ސަމާލުކަމެއް ދިނުން މުހިއްމުކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ފާހަގަކުރެއެވެ.

މީގެ އިތުރުން ބަލިޖެހޭ މިންވަރު މަދުވިނަމަވެސް އިންފުލުވެންޒާއާއި އަރިދަފުސް ރޯގާ ފަދަ ބަލިތަކަކީ ފަސޭހައިން ފެތުރޭ ބަލިތަކަށްވާތީ ރައްކާތެރިވެތިބުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ޙައްޖާއި ޢުމްރާގެ އަޅުކަމުން މީހުން އެނބުރި އަންނައިރު ރޯގާ ފެތުރޭ މިންވަރު އިތުރުކަން ފާހަގަކޮށް، ޢުމްރާއަށްފަހު އަންނަ ހަފްތާގައި ދިވެހިން އެނބުރިއަންނަންފަށާއިރު، ރޯގާ ފެތުރުން އިތުރުވެދާނެތީ އެކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.