ޚަބަރު

ވިންޓަރތީމް ޕާކް ފިޠުރު ޢީދުދުވަހު ހުޅުވަނީ


ރަސްރަނި ބަގީޗާގައި ހަދާ ވިންޓަރ ތީމް ޕާކްގެ މަސައްކަތް ނިންމައި ފިޠުރު އީދު ދުވަހު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވިންޓަރ ޕާކް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންއަންނަކަމަށެވެ. މިނިސްޓަރ ކުރިން ވިދާޅުވެފައިވަނީ ވިންޓަރ ތީމް ޕާކްގެ މަސައްކަތް ލަސްވީ، އެތަނުގައި އަޅަންޖެހޭ ކޭބަލް ގެނައުމުގައި ދިމާވި ލަސްވުމެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ވަނީ ނިމިފައެވެ.

ރަސްރަނި ބަގީޗާއަކީ މާލޭ ރީ-ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. ވިންޓަރތީމް ޕާކް ހިންގަން ނިންމާފައިވަނީ ސެފް ސަސްޓެއިނަބަލް މޮޑެލަކަށެވެ. އެގޮތުން އެތަނުގައި ކެފޭއެއް ހިންގުމަށް ނިންމާފައިވާކަމަށާއި، ކެފޭ ހިންގާ ފަރާތުން ވިންޓަރ ތީމް ޕާކްގެ ހުރިހާ ޚަރަދެއް ބަލަހައްޓާނެކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ކެފޭ ހިންގާ ފަރާތާއި ތީމް ޕާކު ހިންގުން ހަވާލުކުރާގޮތަށް ނިންމީ އެތަން ހިންގުމުގައި ދައުލަތުގެ ބަޖެޓުން ޚަރަދުނުކޮށް ހިންގޭނެ ގޮތެއް ރޭވުމަށްކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ރަސްރަނި ބަގީޗާގައި ސަރުކާރުން ތަރައްޤީކުރާ ވިންޓަރ ތީމް ޕާކަކީ އާޓިފިޝަލް ސްނޯ އުފައްދާ މެޝިންތަކާއެކު، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ފިނި މޫސުމުގެ ތަޖުރިބާ ދިވެހިންނަށްވެސް ކޮށްލުމުގެ ފުރުޞަތު ލިބޭނޭހެން ތައްޔާރުކުރާ ޕާކެކެވެ. އަދި އެތަނަކީ ފިނިހޫނުމިން ވަކިވަރެއްގައި ކޮންޓްރޯލް ކުރެވޭގޮތަށް ތައްޔާރުކުރާ ޕާކެކެވެ. ވިންޓަރ ތީމް ޕާކަށް ބޭނުންވާ ޢިމާރާތް ޑިޒައިންކޮށް، ތައްޔާރުކޮށްފައިވަނީ ފަރަންސޭސިވިލާތާއި ސުވިޒަލޭންޑުގެ 2 ކުންފުންޏަކުން ރާއްޖެއައިސް ސަރވޭ ކުރުމަށްފަހު ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.