ޚަބަރު

އެއްލަކިން ލައިސަންސާއި ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް : އިކޮނޮމިކް މިނިސްޓްރީ


އެއްލަކިން ލައިސަންސް ޕްރޮގްރާމާއި ގުޅޭގޮތުން ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތައް އިކޮނޮމިކް މިނިސްޓްރީން ދޮގުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ޒުވާނުންނަށް ޢަމާޒުކޮށްގެން ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔަ އެއްލަކިން ލައިސަންސް ޕްރޮގްރާމާއި ގުޅޭގޮތުން މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރުތައް ދޮގުކުރައްވާ ޕީއެސްއެމް ނިއުސްއާ މިއަދު ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ، އެފަދަ ވާހަކަތައް މީޑިއާތަކުގައި ފަތުރަމުންދަނީ، އެއްލަކިން ލައިސަންސް ޕްރޮގްރާމުގެ އަގު ވައްޓާލުމުގެ ނިޔަތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެއްލަކިން ލައިސަންސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ލައިސަންސް ނަގަން އޮންނަ އުޞޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން އަލަށް ލައިސަންސް ނަގާ ފަރާތްތައް ތިއަރީ ޓެސްޓުވެސް ހަދަންޖެހޭނެ ކަމަށާއި އަދި ޕްރެކްޓިކަލް ބައިވެސް އެ ޕްރޮގްރާމުގައި ހިމެނިގެންދިޔަ ކަމަށް ޢަބްދުﷲ ވިދާޅުވިއެވެ. ނަމަވެސް އެއްލަކިން ޕްރޮގްރާމުގައި އައިސްފައިވާ ހަމައެކަނި ތަފާތަކީ އެއްރެއިން ލައިސަންސް ލިބިގެންދިއުން ކަމަށްވެސް ޢަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެކުރިން ލައިސަންސް ނަގާފައިވާ ފަރާތެއް ލައިސަންސް ކާޑަށް އިތުރު ކެޓަގަރީއެއް އިތުރުކުރަން ބޭނުންވެއްޖެ ނަމަ އެ ފަރާތެއް ތިއަރީ ޓެސްޓު ނުހަދާ ހަމައެކަނި ޕްރެކްޓިކަލް ޓެސްޓު ހެދުމުން ލައިސަންސް ލިބިގެންދާނެ ކަމަށެވެ.

ޢަބްދުﷲ ވިދާޅުވީ މި ފަހަކަށް އައިސް ހިނގަމުންދާ އެކްސިޑެންޓުތައް ވަމުންދަނީ އެއްލަކިން ލައިސަންސް ޕްރޮގްރާމުގެ ދަށުން އެއްގަމު އުޅަނދު ދުއްވަން ފަރިތަ ނޫން މީހުންނަށް ލައިސަން ދިނުމުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އިކޮނޮމިކް މިނިސްޓްރީން ބެލި ބެލުމުން މި ފަހަކަށް އައިސް ހިނގި އެއްވެސް އެކްސިޑެންޓެއްގައި އެއްލަކިން ލައިސަންސް ނެގި މީހެއް ހިމެނިފައި ނުވާ ކަމަށް ޢަބްދުﷲ ވިދާޅުވިއެވެ.

އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމްގެތެރެއިން 3289 މީހަކަށް ލައިސަންސް ލިބިފައިވާއިރު މި ޕްރޮގްރާމްގައި 9600 އަށްވުރެ ގިނަ ފަރާތުން ވަނީ ޓޯކަންނަގައި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.