ތަޢުލީމު

ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް ބަހާ ނިމިއްޖެ - އެޑިއުކޭޝަން މިނިސްޓްރީ


ރާއްޖޭގެ ތަޢުލީމީ ނިޒާމް ޒަމާނީކޮށް ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ހުރިހާ ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް މިހާރު ބަހާ ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޓެކްނޮލޮޖީއާއި ރައްޓެހި މާޙައުލެއްގައި ތަޢުލީމު އުނގެނުމަށާއި، އުނގަންނައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވަނީ މިދިޔަ މެއިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި މިހާރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓްތައް ޓީޗަރުންނާއި ހަވާލުކޮށް ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ޓީޗަރުންނަށް ބޭނުންވާ އަށްހާސް ހަތަރު ސަތޭކަ ސާޅިސް ފަސް ޓެބްލެޓް ސްކޫލްތަކަށް ބަހާފައިވާކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން ހުރިހާ ސްކޫލެއް މިހާރު ވަނީ ހައިސްޕީޑްގެ އިންޓަރނެޓާއެކު ވައިފައި ކޮށްފައެވެ. މުޅި މި މަޝްރޫޢުގެ ދަށުން ޖުމްލަ ހަތްދިހަ ހަތްހާސް ޓެބްލެޓް ޓީޗަރުންނަށާއި، ދަރިވަރުންނަށް ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ވިހި ހާސް ޓެބްލެޓް ރާއްޖެ ގެނެސްފައިވާކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ.

ދެވަނަ ޓާމުގައި ކިޔެވުން މިމަހުގެ 18ގައި ފެށޭއިރު، މި ޓެބްލެޓްތައް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެކަމަށާއި، އެކަމަށްވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.