ޚަބަރު

ޖަނަރޭޓަރު ގޮވައިގެން ފިހުނު ލަންކާ މީހާއަށް އައިސީޔޫގައި ފަރުވާދެނީ


ރ. އުނގޫފާރު ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓެއްގެ ޖަނަރޭޓަރު ގޮވި ހާދިސާގައި ފިހުނު ސްރީލަންކާ މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ރޭ ހިންގި މިހާދިސާގައި އޭނާގެ ހަށިގަނޑުގެ 76 އިންސައްތަ ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އެހެން ނަމަވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މުޙައްމަދު މުފީދު ވިދާޅުވީ، އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.

"އޭނާގެ ހާލު ސްޓޭބަލް. އަޅުގަނޑުމެންނާއި ހަމައަށް އޭނާ ގެނައިއިރު، 76 އިންސައްތަ ވަނީ ފިހިފަ. މިހާރު އޭނާގެ އާއިލާއިން ބޭރަށް ގެންދިއުމުގެ މަސައްކަތްކުރާ ކަމަށްވެސް މައުލޫމާތުލިބޭ." އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޖަނަރޭޓާރު ގޮވުމުގެ ސަބަބުން ދެން އަނިޔާވެފައި ވަނީ އެބޯޓުގައި މަސައްކަތްކުރާ ދިވެހި ފަޅުވެރިއަކަށެވެ. އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނަސީރު އަލީ ވިދާޅުވީ، ދިވެހި މީހާއަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫން ކަމަށާއި ނަމަވެސް އޭނާއަށްވެސް އަވަސް ފަރުވާ ދިނުމަށް އެވަގުތު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ފުރުވާލާފައިވާކަން އަބްދުއް ނަސީރު ފާހަގަކުރެއްވިއެވެ.

"ދިވެހި މީހާއަށް އަނިޔާވީ ޖަނަރޭޓަރު ގޮވުމުގެ ސަބަބުން އޭގައި ހުރި ތެޔޮ ރައްކާކުރާ ހަމަކުން ގައިގައި ޖެހި. ބެލެވޭ ގޮތުގައި އެހާ ސީރިއަސްއެއް ނޫން. އެގޮތުން އޭނާގެ ބަނޑުގައި އެހަމުން ވަރަށް ބާރަށް ޖެހުނު ކަމަށް ބުނޭ. އަވަހަށް އެސަހައްދުގައި ތިބި މީހުން އޭނާވެސް ހޮސްޕިޓަލަށް ގެންދިޔައީ." އުނގޫފާރު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިހާދިސާގައި އަނިޔާވި މީހާއަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު، މިކަން ހިނގަން މެދުވެރިވި ސަބަބު ފުލުހުން އަންނަނީ ތަޙުޤީގުކުރަމުންނެވެ.