ޚަބަރު

ރަމަޟާންމަހާއެކު ހެޔޮޢަމަލުތައް ކުރުން ހުއްޓާނުލުމަށް ޝައިޚް ސަމީރުގެ އިލްތިމާސް


ބަރަކާތްތެރި ރަމަޟާންމަސް ނިމުނަސް ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިތިބުމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާޙިމް އިލްތިމާސްކުރައްވައިިފިއެވެ.

އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާޙިމް މިފަދައިން އިލްތިމާސްކުރެއްވީ އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމުތަކުގެ ތެރެއިން މިއަހަރުގެ 8 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކައްކަވަމުންނެވެ.
" ރަމަޟާންމަސް ނިމުނަސް ޙެޔޮ ޢަމަލުތައް ނުނިމޭ" މި މަޢުޟޫއަށް ވާހަކަދައްކަވަމުން އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާޙިމް ވަނީ ރަމަޟާންމަހަކީ އިންސާނާގެ ކުރިމަގު އުޖާލާކުރުމަށާއި، އިންސާނާ ޠާހިރުވުމަށް ލިބިގެންދާ ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރަމާޟާންމަހު ހެޔޮ ޢަމަލުތައް ކުރާ ފަދައިން އެމަސް ނިމުނަސް ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިތިބުމަށް ޝައިޚް އިލްތިމާސްކުރެއްވިއެވެ. މި ފޯރަމްގެ މަޢުޟޫއަށް ކީރިތި ރަސޫލާގެ ޙަދީޘްތަކާއި ކީރިތި ޤުރުއާނާއި ސުއްނަތުގެ އަލީގައި މިސާލުޖައްސަވާ ވަރަށް ތަފްޞީލުކޮށް ވާހަކަދައްކެވިއެވެ. މިގޮތުން އިންސާނާ ކުރާ ޢަމަލުތަކަށް ރައްކާތެރިވުމަށާއި ތިމާގެ ޙައްޤަށް ކަމޭހިތާފަދައިން އެހެންމީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ޝައިޚް އިލްތިމާސްކުރެއްވިއެވެ.

ހެޔޮކަން އޭގެ އެންމެ ފުރިހަމަގޮތުގައި ދެމި އޮންނާނީ ހުރިހާ ދިމާލެއްގައިވެސް ހެޔޮކަންތައް ކުރުމުންކަމަށާއި އެކަކު އެނެކަކަށް ހަސަދަވެރިނުވެ، މަޢާފުކޮށްގެން ކަމަށްވެސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާޙިމް ފާހަގަކުރެއްވިއެވެ. މިފޯރަމްގައި ޝައިޚް ސަމީރު ވަނީ ހެޔޮކަންތައް ކުރުމުގެ ވަޞީލަތްތަކާބެހޭގޮތުންވެސް ވަރަށް ތަފްޞީލުކޮށް ވާހަކަދައްކަވާފައެވެ. މިގޮތުން ހެޔޮކަންތައް ކުރުމުގައި ތިމާގެ އަޤީދާ ވަރުގަދަކުރުމަށާއި ނަޞޭހަތްތައް އަޑުއެހުމަށާއި ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނާ ފިކުރުކުރުމަށް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ޒިކުރު ކުރުމާއި ދުޢާކުރުމާއި ޞާލިހުންނާއެކު އުޅުމުގެ އިތުރުން ތިމާ ދާންވީ މިސްރާބު ކަށަވަރުކުރުމަށްވެސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާޙިމް އިލްތިމާސްކުރެއްވިއެވެ.

އެހެން ފޯރަމްތަކާ އެއްގޮތަށް މި ފޯރަމްގައިވެސްވަނީ ފޯރަމްގައި ބައިވެރިވި މީހުންގެ މެދުގައި ނެގި ޤުރުއަތުން ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި ރިޔާޟުއްޞާލިޙީން އަދި ފިޤްހުއްސުންނަ މި ދެ ފޮތް ހަދިޔާކޮށްފައެވެ.