ރ. ފައިނުގައި ސަރުކާރުން ކުރިއަށްގެންދާ އެއަރޕޯޓް މަޝްރޫޢާއި ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދަނީ މަދު ބަޔަކު ބޭނުންވާ ގޮތްކަމަށާއި، ފައިނުގައި އެއަރޕޯޓް އެޅުމަށް އެރަށުގެ ގިނަ ރައްޔިތުން ތާއީދުކުރާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ފައިނު އެއަރޕޯޓް މަޝްރޫޢާއި ގުޅޭގޮތުން ބައެއް މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފައިނުގައި އެއަރޕޯޓް އެޅުމަކީ މީގެ 26 އަހަރު ކުރިން ސަރުކާރުން ކުރަން ރާވާފައިވާކަމެއްކަމަށެވެ. އަދި އެއީ ރަށުގެ ވަރަށް ގިނަ ބަޔަކު ނިހާޔަތަށް ބޭނުންވާ އަދި މެޖޯރިޓީ ރައްޔިތުން ތާއީދުކުރާކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަނުން ފައިނުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، އެ ބައްދަލުވުމަށް ރަށުގެ ވަރަށް ގިނަ ބަޔަކު ހާޒިރުވިކަމަށާއި، ކަންބޮޑުވުން ފާޅުކުރީ އެންމެ ތިން ފަރާތަކުންކަމަށެވެ. އަދި އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރީ މަޝްރޫޢުގެ ކުރެހުން އިން ގޮތާމެދުކަމަށާއި، އެ ބައްދަލުވުމުގައި އެރަށުގެ ކައުންސިލުންވެސް ބައިވެރިވެފައިވާކަމަށެވެ. އެއިން އެއްވެސް ފަރާތެއްގެ ބަހެއް ނުހޯދާ، ބައެއް މީޑިއާތަކުން ފަތުރަމުންދަނީ މަދު ބަޔަކު ބޭނުންވާ ގޮތްކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
މިކަމާގުޅިގެން ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރ. ފައިނު ރައްޔިތުންގެ 95 އިންސައްތަ ރައްޔިތުން ހިތާ ރޫހުން ތިބީ އެއަރޕޯޓް މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ކޮށްގެންކަމަށެވެ. އަދި ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބަން ބޭނުންވާ އިދިކޮޅު އެމްޑީޕީގެ ބަޔަކު އެއަރޕޯޓް މަޝްރޫޢާއި ދެކޮޅުކަން ނިޙާން ފާހަގަކުރެއްވިއެވެ.
ރ. ފައިނުގައި އެއާޕޯޓެއް ތަރައްޤީކުރުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ މެއިމަހުގެ 30 ވަނަ ދުވަހެވެ. މި މަޝްރޫޢަކީ ސިޓީ ހޮޓަލަކާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ. 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއަށް 8 މިލިއަން ޑޮލަރު ޙަރަދުވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ހާމަކޮށްފައެވެ. އަދި ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމައި އެއާޕޯޓް ހުޅުވާނެކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.