ޚަބަރު

ތާރީޚީ ސަމިޓަށް ޓްރަމްޕް ސިންގަޕޫރަށް


އެމެރިކާއާއި އުތުރުކޮރެޔާއާ ދެމެދު މަޝްވަރާކުރުމަށް ބާއްވާ ތާރީޚީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސިންގަޕޫރަށް ވަޑައިގަންނަވައިފިއެވެ.
ސިންގަޕޫރުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް މަރުޚަބާ ދެންނެވީ ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވިވިއަން ބަލަކްރިޝްނަންއެވެ. ކޮރެޔާގެ ޒައީމް ކިމް ޖޮންގ އުންއާއެކު ބާއްވާ ބައްދަލުކުރެއްވުމަށް ޓްރަމްޕް ސިންގަޕޫރަށް ވަޑައިގަންނަވާފައިވާއިރު، އޭގެ ފަސް ގަޑިއިރެއްހާއިރު ކުރިން އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގ އުންވެސް ވަނީ ސިންގަޕޫރަށް ވަޑައިގަންނަވާފައެވެ. މިއީ އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގ އުން 2011 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެޤައުމާ އެހާ ދުރަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމަނިކުފާނު ވަޑައިގެންފައިވަނީ ހަމައެކަނި އަވަށްޓެރި ޗައިނާއަށެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެޔާގެ ޒައީމް ބައިވެރިވެވަޑައިގަންނަވާ ރަސްމީ ސަމިޓު އޮންނާނީ އަންނަ އަންގާރަދުވަހުއެވެ. ސިންގަޕޫރުގެ ކަޕެއްލާ ރިސޯޓުގައި ބާއްވާ ސަމިޓު ކަވަރކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެހާސް ފަސް ސަތޭކައަށްވުރެ ގިނަ ނޫސްވެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.