ޚަބަރު

ޗައިނާ ބޭނުންވަނީ ބައިނަލްއަޤުވާމީ ޤަވާއިދުތަކާ އެއްގޮތަށް ވިޔަފާރިކުރަން- ޝީ


ކުރު މުއްދަތުގެ ތެރޭގައި ފައިދާ ލިބޭގޮތަށް އެކުލަވާލާ އިޤްތިޞާދީ ސިޔާސަތުތަކަށް ޗައިނާއިން ތާއީދު ނުކުރާ ކަމަށާއި، އެ ޤައުމުން ބޭނުންވަނީ ބައިނަލްއަޤުވާމީ އިޤްތިޞާދުގައި ހުރިހާ ފަރާތަކަށްވެސް ހަމަހަމަ ފުރުޞަތުތައް ލިބުމަށްކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެއެވެ.

ޝީ މިހެން ވިދާޅުވެފައިވަނީ، ޗައިނާ އާއި ރަޝިޔާއިން އިސްވެ ޤާއިމުކޮށްފައިވާ އިޤްތިޞާދާއި ސަލާމަތާ ބެހޭ އިއްތިހާދު، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ އިސްވެރިންގެ ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޗައިނާގެ ރައީސް ވިދާޅުވީ، ޒާތީ މަސްލަޙަތާއި ވަގުތީ ފައިދާ އިސްކޮށްގެން އެކުލަވާލާ ހަނި އިޤްތިޞާދީ ސިޔާސަތުތަކަކީ ޗައިނާއިން އެއްވެސް ހާލެއްގައި ބަލައިގަންނާނޭ ސިޔާސަތުތަކެއް ނޫންކަމަށެވެ.

ޗައިނާއިން ބޭނުންވަނީ ދުނިޔޭގެ އިޤްތިޞާދީ ޤަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރިކުރުމަށް ކަމަށާއި، އެ ޤައުމުން ބޭނުންވަނީ ދުނިޔޭގެ އިޤްތިޞާދު މިހާރަށް ވުރެ ފުޅާކުރުމަށް ކަމަށްވެސް ޗައިނާގެ ރައީސް ވިދާޅުވިއެވެ. ޝީ ވިދާޅުވީ، ފިނި ހަނގުރާމައިގެ ދުވަސްވަރު ޤައުމުތަކުން ގެންގުޅުނު ގެއްލުންދެނިވި ސިޔާސަތުތައް ދޫކޮށްލާ، ދޭދޭ ޤައުމު ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށެވެ.