މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަނުން ތަކެތި ހަދިޔާކޮށްފިއެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަނުން ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ހަދިޔާކުރީ ބަދިގޭގެ ސާމާނެވެ.
މިރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ގާރލްގައިލް އެސޯސިއޭޝަނުން ގުރައިދޫ މަރުކަޒަށް އެކި ގޮތް ގޮތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަންގެ ކޮމިޝަނަރ އޮފް ޕަބްލިކް ރިލޭޝަންސް ޝަމްޢޫނާ ޝަމީމް ވިދާޅުވީ، އެއެސޯސިއޭޝަންގެ ފަރާތުން ކުރިއަށް އޮތް ފިތުރު ޢީދާ ދިމާކޮށް، ގުރައިދޫ މަރުކަޒަށް ޒިޔާރަތްކޮށް އެތަނުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއެކު ޢީދު ފާހަގަކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިކަމުގެ ބޭނުމަކީ އެފަދަ މީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުންކަމަށް ޝަމްޢޫނާ ވިދާޅުވިއެވެ.
މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ ޔަންގް ލީޑަރސް އިން އިސްނަގައިގެން 2000 ވަނަ އަހަރުން ފެށިގެން ދަނީ ގުރައިދޫ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދެމުންކަމަށް އެއެސޯސިއޭޝަނުން ބުނެއެވެ. ގުރައިދޫގައި ހުންނަ މަރުކަޒަށް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާތަކާއި، އެސޯސިއޭޝަންތަކުން ވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.