ޚަބަރު

ރޯދަމަހު މިހާތަނަށް 54،000 ޓަނަށްވުރެ ގިނަ ކުނި އުކާލާފައިވޭ - ވެމްކޯ


މި ރަމަޟާންމަހުގެ މިހާތަނަށް އައިއިރު ފަންސާސް ހަތަރު ހާސް ޓަނަށްވުރެ ގިނަ ކުނި މާލެއިން އުކާލާފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ.

ވެމްކޯގެ ހައުސް ހޯލްޑް ކަލެކްޝަންގެ ހެޑް، މުހައްމަދު ޝާން ވިދާޅުވީ ރަމަޟާންމަހުގެ ދުވާލަކަށް 400 ޓަނުގެ 5 ލޭންޑިންގ ކްރާފްޓްގެ ކުނި ތިލަފުއްޓަށް ގެންދާކަމަށެވެ. މިއީ ރަމަޟަންމަހުގެ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރު ޢަދަދެއްކަމަށް ޝަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެން މަސްމަހާ އަޅާބަލާއިރު މިމަހު ޢިމާރާތްކުރާ ސައިޓްތަކުން އުކާލާ ކުނިވެސް ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށެވެ. މިއީ މިދުވަސްވަރު މާލޭގައި ޢިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާތީ އިތުރުވި މިންވަރެއްކަން ފާހަގަކުރައްވައި ޝާން ވިދާޅުވީ، މާލޭގެ ބައެއް ސަރަޙައްދުތަކުގައި ވެމްކޯއިން ދެމުން އަންނަ ކުނި އުކާލުމުގެ ޚިދުމަށް ބޭނުންނުކޮށް މަގުތަކުގައި ފަރުނީޗަރ ފަދަ ސާމާނުގެ ކުނި ބެހެއްޓުން މިހާރު އިތުރުވެފައިވާކަމަށެވެ.

އެގޮތުން ކޮންމެ ރެޔަކު ބައެއް މަގުތަކުން އެފަދަ ކުނި ނަގަމުން އަންނަކަމަށާއި، ޚާއްޞަކޮށް ރޯޝަނީ މަގާއި، ދިލްބަހާރު މަގު އޭނާ ފާހަގަކުރެއްވިއެވެ. ޝާން ވަނީ އެގޮތަށް މަގުމަތީގައި ކުނި ނުބަހައްޓައި ވެމްކޯގެ ކެޕްގެ ޚިދުމަތް ހޯދުމަށް އިލްތިމާސްކުރައްވާފައެވެ.
ރޯދަމަހުގެ ފުރަތަމަ ދެ ދުވަހުގެ ތަޖުރިބާއަށް ބެލުމަށްފަހު ވެމްކޯއިން ވަނީ މާލޭގައި ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން މިހާރު ކުނި ނަގަމުން އަންނަނީ ހަވީރު ހަތަރަކުން ދަންވަރު ބާރައަށް. އަދި ކޮންމެ ގޭ ބީސީއަކުންވެސް ކުނި ނަގާނީ ކޮންމެ ސައުވީސް ގަޑިއިރަކު އެއްފަހަރުކަމަށް ވެމްކޯއިން ބުނެއެވެ.